ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައި ދިން ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯގެ ދަރިފުޅު ޖޯ މެންޑޭސް ބާސާއަށް ސޮއިކޮށްފިއެވެ.

ފޯވާޑަކަށް ކުޅޭ، 18 އަހަރުގެ ޖޮއާއޯ މެންޑޭސް، ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމަށް ސޮއިކުރިކަން އެ ކްލަބުން ރަސްމީކޮށް އިއުލާނުކުރިއިރު، ރޮނާލްޑީނިއޯ، ބާސެލޯނާ ދޫކޮށްލިތާ މި އަހަރު 15 އަހަރު ފުރޭނެއެވެ.

ރޮނާލްޑީނިއޯގެ ދަރިފުޅު، ޖޮއާއޯ މެންޑޭސް، މިހާތަނަށް ކުޅެމުން އައީ ބްރެޒިލްގެ ކްލަބް، ކްރުޒޭރޯގެ ޔޫތު ޓީމަށެވެ. މިދިޔަ ސީޒަނުގެ ނިޔަލަށް އެ ޓީމަށް ކުުޅުމަށް ފަހު، އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ވަނީ ގެނެސްފައެވެ.

މެންޑޭސްއާއިއެކު ބާސާއިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އެ ކުލަބުން ހާމަ ކޮށްފައި ނުވެއެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބާސާއިން މެންޑޭސްއާއިއެކު އެއްބަސްވުން ހަދާފައި ވަނީ 2024 ވަނަ އަހަރުގެ ސީޒަން ނިމުމާ ހަމައަށެވެ.

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޓްރަޔަލްއެއްގައި މެންޑޭސް އައީ ބާސާގެ ޔޫތު ޓީމާއިއެކު ޓްރެއިނިން ހަދަމުންނެވެ. ބާސާއާ ގުޅުމުގެ ކުރިން މެންޑޭސް ހުރީ ބްރެޒިލްގެ ކްރުޒޭރޯގެ ބީ ޓީމުގައެވެ.

ރޮނާލްޑީނިއޯ އަކީ 2003/08 އަށް ބާސެލޯނާއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ބާސާއަށް 200 އަށް ވުރެ ގިނަ މެޗު ކުޅެދީ 100 އާއި ގާތްކުރާ އަދަދަށް ލަނޑު ޖަހާފައެވެ. ރޮނާލްޑީނިއޯ ބާސާއާ އެކު ޗެމްޕިއަންސް ލީގު އެއްފަހަރު، ލަލީގާ ދެ ފަހަރު ކާމިޔާބު ކޮށްފައި ވެއެވެ.

ރޮނާލްޑީނިއޯ ވަނީ 2002 ވަނަ އަހަރު ބްރެޒިލާ އެކު، ދެކުނު ކޮރެއާ/ޖަޕާންގައި ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުުމަށް ފަހު، ޕީއެސްޖީ ދޫކޮށްލައި، ބާސެލޯނާ އަށް ބަދަލުވެފައެވެ. ބާސެލޯނާގައި ހުރެ، ރޮނާލްޑީނިއޯ ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ގިނަ އެވޯޑްތަކެއް ހޯދައިފައެވެ. އޭގެ ތެރޭގައި ފީފާ އިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި ބެލޮންޑިއޯ އެވޯޑް ވެސް ހިމެނެއެވެ.