އުމުރުން 50 އަހަރު ވަންދެން ވެސް ޕްރޮފެޝަނަލް ކެރިއަރުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް ފުޓުބޯޅަ ކުޅެވޭނެ ކަމަށް ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފިއެވެ.

ރޮނާލްޑީނިއޯ މިހެން ބުނީ ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރާ މެޗާއި ގުޅޭގޮތުން މީޑިއާއަށް ދިން އިންޓަވިއުއެއްގައެވެ. ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ފްރާންސާއި އާޖެންޓީނާ ބައްދަލު ކުރާނީ މިރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރުއެވެ.

ރޮނާލްޑީނިއޯ ބުނީ މެސީ އަކީ ގިނަ އަހަރުތަކެއް ވަންދެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ހިމެނޭ ކުޅުންތެރިޔާއަށްވުމާއެކު އޭނާގެ ކުޅުމަށާއި ފެންވަރަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި މިއަދު އާޖެންޓީނާ ވޯލްޑް ކަޕްގެ ފައިނަލުގައި އޮތުމަކީ އޭގެ ހެއްކެއް ކަމަށް ވެސް ރޮނާލްޑީނިއޯ ވަނީ ބުނެފައެވެ. މިއީ މެސީގެ ފަހު ވޯލްޑް ކަޕް ކަމަށްވުމާއެކު މެސީގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މެސީގެ ފެންވަރު ދައްކާނެ ކަމަށް ރޮނާލްޑީނިއޯ ވަނީ ބުނެފައެވެ.

"އަދިވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަކީ މެސީ. އުމުރުން 35 އަހަރުގައި ވޯލްޑް ކަޕް ފައިނަލަށް މެސީ ތައްޔާރުވެފައިވާއިރު، އަހަރެން ގަބޫލް ކުރާ ގޮތުގައި ގޯޓް މެސީ އަށް އުމުރުން 50 އަހަރު ވަންދެން ވެސް ފުޓުބޯޅަ ކުޅެވޭނެ. އޭނާގެ ޑްރިބްލިންއަށް އެއްވެސް ބަދަލެއް ނާންނާނެކަން ޔަގީން. މެސީގެ ގައިގައި އެހެން ކުޅުންތެރިންގެ ގައިގައި ނެތް ފެންވަރު އެބަހުރި. އޭނާ އަކީ ތަފާތު މޮޅު ހުނަރުވެރި ކުޅުންތެރިއެއް،" މެސީއާއެކު ކުރިން ބާސެލޯނާއަށް ކުޅުނު ރޮނާލްޑީނިއޯ ބުންޏެވެ.

މެސީގެ އިތުރުން އޭނާ ވަނީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް އަށް ވެސް ތައުރީފް ކޮށްފައެވެ. ރޮނާލްޑީނިއޯ ބުނީ ޑެޝޯމްޕްސް އަކީ ރަނގަޅަށް ފުޓުބޯޅަ ދަންނަ ކޯޗެއް ކަމަށާއި ޖެހިޖެހިގެން ދެ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސް އައުމަކީ ޑެޝޯމްޕްސްގެ މިންނެތް މަސައްކަތް ފާހަގަވާ ކަމެއް ކަމަށެވެ.

ކިލިއަން އެމްބާޕޭއާ ގުޅޭ ގޮތުން ރޮނާލްޑީނިއޯ ބުނީ އޭނާ އަކީ ދުވެލި ބާރު ކުޅުންތެރިއެއް ކަމަށާއި އާދަޔާ ހިލާފަށް ބާރަށް ބޯޅައިގައި ޖަހާ ކުޅުންތެރިއެއް ކަމަށެވެ. އަދި އެހާ ޒުވާން އުމުރެއްގައި އެމްބާޕޭގެ ހުނަރުވެރި ކުޅުން ފެނުމަކީ އުފާ ކުރާ ކަމެއް ކަމަށް ވެސް ރޮނާލްޑީނިއޯ ވަނީ ބުނެފައެވެ.

ފްރާންސް އާއި އާޖެންޓީނާ އެންމެ ފަހުން 2018 ވަނަ އަހަރު ބައްދަލު ކުރި މެޗުން 3-4 ގެ ނަތީޖާއިން މެޗު ކާމިޔާބު ކުރީ ފްރާންސް އިންނެވެ. އޭގެ ކުރިން އެކުވެރިކަމުގެ ދެ މެޗު ކުޅުނު އިރު 2009 ވަނަ އަހަރު އާޖެންޓީނާ އިން ވަނީ 0-2 ގެ ނަތީޖާއިން ފްރާންސް ބަލިކޮށްފައެވެ. 2007 ވަނަ އަހަރު އާޖެންޓީނާ އިން ފްރާންސް ބަލިކުރީ 0-1 ގެ ނަތީޖާއިންނެވެ.