އިނގިރޭސި ވިލާތުގެ ކްލަބެއް ކަމުގައިވާ ޓޮޓެންހަމް ހޮޓްސްޕާ އިން 175 މިލިއަން ޕައުންޑުގެ ލޯނެއް ނަގައިފިއެވެ.

އެެ ޓީމުގެ ޗެއާމަން ޑެނިއެލް ލެވީ ވިދާޅުވީ އިނގިރޭސި ވިލާތުގެ ބޭންކުން އެވަރު ބޮޑު ލޯނެއް ނަގަން ޖެހުނީ ކްލަބްގެ މަސައްކަތްތައް ހުއްޓިފައި އޮތުމުގެ ސަބަބުން ކަމަށެވެ.

މިއަހަރަށް ކުޅެން ހަމަޖެހިފައިވާ ބައެއް މެޗުތަކާއި ލައިވް އެހެނިހެން އިވެންޓުތައް ކުރިއަށް ނުގެންދެވުމުގެ ސަަބަބުން ޖޫން މަހާ ހަމައަށް އެ ޓީމަށް 200 މިލިއަން ޕައުންޑުގެ ގެއްލުމެއްވި ކަމަށް ވެސް ޑެނިއެލް ވިދާޅުވިއެވެ.

ޓޮޓެންހަމް އިން އަލަށް ހުޅުވި ފުޓްބޯޅަ ދަނޑުގައި މާ ގިނަ މެޗުތަކެއް ނުކުޅެވި ލީގު ހުއްޓާލުމުގެ ސަބަބުން ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. އެހެންވެ، ޓޮޓެންހަމް އިން ލޯނަކަށް އެދުމުން ބޭންކުން ބުނާ ޝަރުތުތައް ފުރިހަމަވެފައިވާ ކަމަށްވެއެވެ.

ޓޮޓެންހަމް އަށް ކުރިން ލިބުނު ގެއްލުންތަކަށް ވުރެ ކޮވިޑް-19 އާ ގުޅިގެން ލިބުނު ގެއްލުން މާ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ މާޗް މަހު ޓޮޓެންހަމް އިން ވަނީ ކްލަބްގެ 550 މުވައްޒަފުންގެ މުސާރަ 20 ޕަސަންޓަށް ދަށް ކުރަން ނިންމައިފައެވެ.

އެކަމަކު، ކްލަބްގެ ސަޕޯޓަރުންގެ ފަރާތުން ފާޅުކުރި ނުރުހުމުގެ ސަބަބުން ފަހުން ކްލަބުން ވަނީ މެއި މަހާއި ހަމައަށް ހުރިހާ މުވައްޒަފުންނަށް އެއްވެސް އެއްޗެއް އުނިނުކޮށް މުސާރަ ދޭނެ ކަމަށް ބުނެފައެވެ.

ޕްރިމިއާ ލީގު މެދުކަނޑާލި އިރު، ޓޮޓެންހަމް އޮތީ ތާވަލްގެ އަށް ވަނައިގައި 41 ޕޮއިންޓާ އެކުއެވެ.