ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން މެންސްގެ އަހަރުގެ އެންމެ މޮޅު ކުޅުން ތެރިޔާއަށް ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑްސަން ހޮވިއްޖެއެވެ.

ލިވަޕޫލް އާއެކު މި ސީޒަންގެ ޕްރިމިއާ ލީގު ކާމިޔާބު ކުރި 30 އަހަރުގެ މިޑްފީލްޑާ މި އެވޯޑް ކާމިޔާބު ކުރީ ހަތަރު ބައި ކުޅަ އެއްބަޔަށް ވުރެން ގިނަ ވޯޓު ހޯދައި ގެންނެވެ. މި އެވޯޑަކީ ކޮންމެ އަހަރެއްގައި ވެސް އިނގިރޭސި ސީޒަންގެ އެންމެ މޮޅު ކުޅުމެއް ދައްކާ ކުޅުން ތެރިޔަކަށް އެފްޑަބިލިއު އޭ އިން ދޭ އެވޯޑެކެވެ. މި އެވޯޑަކީ އިނގިރޭސި 400 ވަރަކަށް ޖާނަލިސްޓުން ވޯޓު ލައިގެން ކަނޑައަޅާ ކުޅުންތެރިޔަކަށް ލިބޭ އެއްޗެކެވެ.

މި އަހަރުގެ އެފްޑަބިލިއު އޭގެ ފުޓްބޯލާ އޮފް ދަ އިޔާ ހެންޑްރިސޮން ކާމިޔާބު ކުރިއިރު އޭނާ އާއި އެކު ގަދަ ފަހެއްގައި ވާދަ ކޮށްފައި ވަނީ ލިވަޕޫލްގެ ވެންޑައިކު އާއި ސަޑިއޯ މާނޭ އަދި ސިޓީގެ ޑިބުރޮއިނާ އާއި ޔުނައިޓަޑްގެ ރަޝްފޯޑެވެ.

މި އެވޯޑް ކާމިޔާބު ކުރުމަށްފަހު ހެންޑްރިސޮން ބުނީ އޭނާ އާއި އެކު އޭނާގެ ކުޅުންތެރިންނަށް މި އެވޯޑް ހައްގުވާ ކަމަށެވެ. "އަހަރެން ބައިވަރު މީހުނަށް އެބަ ޝުކުރުވެރި ވާންޖެހޭ، އަހަރެންނާއި އެއްވަރަށް މި ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ ހުރިހާ ކުޅުން ތެރިންނަށްވެސް މީ ހައްގު އެއްޗެއް، މިއީ ހުރިހާ ކުޅުންތެރިންނަށް ލިބުނު އެއްޗެއް" ހެންޑްރިސޮން ބުންޏެވެ.

މިސީޒަންގައި ޕްރިމިއާ ލީގު އުފުލާލި ހެންޑްރިސޮން ވަނީ ލިވަޕޫލްއާއެކު މިދިޔަ ޑިސެމްބަރު މަހު ކުލަބް ވޯލްޑްކަޕް ވެސް ކާމިޔާބު ކޮށްފައެވެ. ހެންްޑްރިސޮން ފިރިހެން އެންމެ މޮޅު ކުޅުންތެރިކަޔަކަށް ހޮވުނު އިރު މި އެވޯޑްގެ އަންހެން މޮޅު ކުޅުންތެރިޔާގެ މަގާމް ލިބިފައިވަނީ އާސެނަލްގެ ވިވިއެމީ މިއެޑެމާ އަށެވެ.