އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ އާއި ނިއުކާސަލް ޔުނައިޓަޑު ބައްދަލު ކުރި މެޗު އެއްވަރުވެއްޖެއެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ދާދި އެއްވަރުގެ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނެގީ ޓޮޓެންހަމުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ހެރީ ކޭންގެ އެހީއާ އެކު ޓޮޓެންހަމަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ލޫކަސް މޮއުރާއެވެ. މެޗުގެ ފުރަތަމަ ހާފް 1-0 ގެ ނަތީޖާ އަކުން ޓޮޓެންހަމް ކުރީގައި އޮތްއިރު ނިއުކާސަލުން އެއްވަރު ކުރީ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ހަތް ވަނަ މިނެޓުގައެވެ.

މިއީ އޭރިއާ ތެރެއިން ޓޮޓެންހަމުގެ އެރިކް ޑަޔާގެ އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެއްގައި އެ ޓީމުން ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑު ނިއުކާސަލް ކާމިޔާބުކޮށް ދިނީ ކަލުމް ވިލްސަނެވެ.

ފަހު ވަގުތުގައި ނިއުކާސަލް އިން ޓޮޓެންހަމުގެ އަތުން ޕޮއިންޓެއް ލިބި މިހާރު އެ ޓީމު އޮތީ ތާވަލުގެ ނުވަ ވަނައިގައި ހަތަރު ޕޮއިންޓާ އެކުގައެވެ. ޓޮޓެންހަމުވެސް ތާވަލްގެ ހަތް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ލިބިގެންނެވެ.