އިނގިރޭސި ޕްރިމިއަ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަނެއްކާވެސް ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިއްޖެއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލް ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޓޮޓެންހަމް ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލީ ކުޅުނު 20 މެޗުން ލިބުނު 37 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން ލިވަޕޫލް ކުޅުނު ތިން މެޗުން ވެސް އެ ޓީމަށް މޮޅެއް ލިބިފައެއް ނުވެއެވެ. ލީގުގައި ލިވަޕޫލް އެންމެ ފަހުން ބައްދަލުކުރީ އެފްއޭ ކަޕުގައި މެންޗެސްޓަ ޔުނައިޓެޑާއެވެ. އެ މެޗު ޔުނައިޓެޑު ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. އޭގެކުރިން ޕްރިމިއަ ލީގުގައި ބާންލީ އަތުން 1-0 އިން ލިވަޕޫލް ބަލިވި އިރު މިމަހުގެ 17 ގައި މެންޗެސްޓަ ޔުނައިޓެޑާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުން ވީ އެއްވަރެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ލިވަޕޫލްއެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ ތެރޭގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ރޮބާޓޯ ފިރްމީނޯއެވެ. ފުރަތަމަ ހާފު މި ނަތީޖާގައި ނިމުނު އިރު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ލިވަޕޫލް ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި ޓޮޓެންހަމްގެ ހާފަށް ބާރު ބޮޑުކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ލިވަޕޫލްގެ ދެވަނަ ލަނޑު ޖެހިއެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ އެލެކްސެންޑާ އާނޯލްޑްއެވެ. މި ލަނޑު ޖެހިތާ ތިން މިނެޓުފަހުން ޓޮޓެންހަމުން ލަނޑެއް ޖެހިއެވެ. މި ލަނޑު ޖަހާފައިވަނީ ޕިއެ އެމިލް ހޯޖްބާގްއެވެ. ލިވަޕޫލުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ސަޑިއޯ މާނޭއެވެ.

މިއީ މޮޅުނުވެ ދުވަސްތަކެއް ހޭދަކުރުމަށްފަހު އެ ޓީމު މޮޅުވި ފަހަރެވެ. މި މޮޅާއެކު އެ ޓީމުގެ ކުޅުންތެރިންނަށް ބޮޑު އިތުބާރެއް ލިބިގެންދާނެ ކަމަށް މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކްލޮޕް ބުންޏެވެ.