އުސޫލުން ބޭރުން އެމެރިކާ އާއި ދުނިޔޭގެ ބޮޑެތި ކުލަބުތަކުގެ މަހުޖަނުން ގުޅިގެން ބާއްވަން އިއުލާނުކޮށްފައިވާ ޔޫރަޕިއަން ސުޕަ ކަޕުގައި ބައިވެރިވާން ނިންމާފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޓީމުތައް މުބާރާތުން ބޭރުކޮށްލުމުގެ ފުރުސަތު ބޮޑުކަމަށް ޔުއެފާއިން ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގައި މިހާރު ވާދަކުރަމުންދާ ޓީމުތަކުގެ ތެރެއިން ސުޕަ ލީގުގައި ބައިވެރިވާނެކަން ހާމަނުކުރާ ހަމައެކަނި ކުލަބަކީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެވެ. އަނެއް ތިން ކުލަބު ކަމަށްވާ މެންޗެސްޓަރ ސިޓީ އާއި ޗެލްސީގެ އިތުރުން ރެއާލް މެޑްރިޑް ވަނީ ސުޕަ ލީގުގައި ބައިވެރިވާނެކަން އިއުލާނުކޮށްފައެވެ.

މި މައްސަލައިގައި ޔުއެފާގެ އެގްޒެގެޓިވް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ނެދަލޭންޑްސް ފުޓުބޯޅަ އެސޯސިއޭޝަނުގެ ޗެއާމަން ޖެސްޕާ މޮލާ ވިދާޅުވީ މިއީ އާދައިގެ ކަމެއްގެ ގޮތުގައި ޔުއެފާއިން ނުދެކޭ ކަމަށާއި ވަކި ޓީމެއް ހާއްސަ ނުވާނެ ކަމަށެވެ.

"އަންނަ ހުކުރުދުވަހު އެބައޮތް ޔުއެފާ އެކްސްކޯ ގެ ބޮޑު ބައްދަލުވުމެއް، ވަރަށް ބޮޑަށް ގަބޫލުކުރެވޭ ސުޕަ ލީގުގައި އެ ވާދަކުރާ 12 ކުލަބު ސަސްޕެންޑުކުރާނެހެން، އޭރުން ޗެމްޕިއަންސް ލީގުގަ މި ކުޅޭ ޓީމުތަކުގެ ތެރެއިން ތިން ޓީމު މުބާރާތުން ވަކިވާނެ، ޔުއެފާ އަދި މުޅި ފުޓުބޯޅަ އާއިލާ ތިބީ މިކަމާއި ދެކޮޅަށް، މިކަން ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވާނަން" ޖެސްޕާ މޮލާ ވިދާޅުވިއެވެ.

މޮލާ ވިދާޅުވީ ސުޕަ ލީގުގައި ވާދަކުރާ 12 ކުލަބުގެ ކުޅުންތެރިންނަށް ވަކި ގޮތެއް އިހްތިޔާރުކުރުމުގެ ފުރުސަތެއް ދޭނެ ކަމަށެވެ. އެއީ ޔުއެފާ އާއެކު އެ ކުޅުންތެރިން ހަދާފައިވާ އެއްބަސްވުން އުވާލުން ނުވަތަ ކުލަބުތަކުގެ ނިންމުމާއި އެއްގޮތަށް އެކަން ކުރުމަށް ކަމަށެވެ.

"އެ މުބާރާތުގައި ކުޅޭ ހިސާބުން އެ ކޮންޓްރެކްޓްތައް ބާތިލުވާނެ، އެހެންވީމަ ކުރީބައިގައި ކުޅުންތެރިންނަށް ދޭނެ ފުރުސަތެއް ވަކިގޮތެއް ހިޔާރުކުރަން" ޖެސްޕާ މޮލާ ވިދާޅުވިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީއާއި ޕީއެސްޖީ އެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޗެލްސީ އާއި ރެއާލް މެޑްރިޑެވެ.