އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ޔުނައިޓެޑްގެ ދަނޑުގައި ލިވަޕޫލާއި ދެކޮޅަށް ކުޅެން އޮތް މެޗު ނުކުޅެވޭނެ ކަމަށް ގޮވާލާ އެ ކުލަބުގެ ސަޕޯޓަރުން ސްޓޭޑިއަމް ހިސޯރުކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ކުލަބުގެ ސަޕޯޓަރުން ޔުނައިޓެޑުގެ އޯލްޑް ޓްރެފަޑް ސްޓޭޑިއަމް ހިސޯރުކޮށްފައިވަނީ އެ ކުލަބުގެ ހިއްސާއިން ބައެއް ވިއްކާލައި ކުލަބަށް އެއްވެސް ފައިދާއެއް ނުލިބޭ މައްސަލައާއި ގުޅިގެންނެވެ.

ޔުނައިޓެޑުގެ ހުރިހާ މިލްކިއްޔާތެއް 2005 ވަނަ އަހަރުން ފެށިގެން ހޯދާފައިވާ "ގްލޭޒަރ ފެމިލީ" އެ ކުލަބުން ބޭރުވުމަށް ގޮވާލާ ސަޕޯޓަރުން ވަނީ ޔުނައިޓެޑުގެ ސްޓޭޑިއަމަށް އެކިވަރުގެ ގެއްލުން ދީފައެވެ. އެގޮތުން ދަނޑުގެ އެކި ހިސާބުތަކުގައި ބަހައްޓާފައިވާ ބައެއް ގޮނޑިތަކާއި ގޯލް ދަނޑިއާއި ދާގަނޑުގެ އިތުރުން ބައެއް އެހެނިހެން ސާމާނުތަކެއް ވަނީ ސުންނާފަތިކޮށްލާފައެވެ.

ސަޕޯޓަރުން ގޮވާލަނީ ގްލޭޒަރ ފެމިލީން ޔުނައިޓެޑް އެއްކޮށް ދޫކޮށްލުމަށާއި ކުލަބުގެ ހިއްސާ ނުވިއްކުމަށެވެ. އަދި ކުލަބަށް ލޯބި ޖެހިފައިވާ މީހަކަށް ކުލަބް ދިނުމަށްވެސް ގޮވާލިއެވެ.

ޔުނައިޓެޑުގެ ސަޕޯޓާރުން އެ ކުލަބުގެ ސްޓޭޑިއަމް ހިސޯރުކޮށްގެން

މިކަމާއި ގުޅިގެން ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރަން އޮތް މެޗު ވަނީ ފަސްކޮށްފައެވެ. ބެލެވޭގޮތުގައި މި މައްސަލައާއި ގުޅިގެން މެޗު އެހެން ސްޓޭޑިއަމެއްގައި ކުޅުމަށް ޕްރިމިއަރ ލީގުން ދަނީ މަޝްވަރާކުރަމުންނެވެ. އެއީ ސްޓޭޑިއަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމާއި ގުޅިގެންނެވެ.

ޔުނައިޓެޑުގެ ސަޕޯޓަރުން ދަނޑު ހިސޯރުކޮށްފައިވަނީ ދަނޑަށް ވަންނަން އެކި ހިސާބުތަކުގައި ބަހައްޓާފައި ހުރި ގޭޓުތަކުގެ މަތިން ފުންމާލައިގެންނެވެ. ދަނޑު ތެރެއަށް ވަތް ސަޕޯޓަރުން ތިބީ ފެއްސާއި ރަން ކުލައިގެ ސްކާފް އޮޅައިގެންނެވެ. އަދި ކުލަބް އުފެދުނު ތާރީހު ކަމަށްވާ 1878 ރަމްޒުވާ ގޮތަށް އެތުރިގެންނެވެ. ރިޕޯޓުތައް ބުނާގޮތުން 300 އަށްވުރެ ގިނަ ސަޕޯޓަރުން ވަނީ ސްޓޭޑިއަމް ހިސޯރުކޮށްފައެވެ.

މި މެޗުން ޔުނައިޓެޑް ބަލިވެއްޖެ ނަމަ ލީގު ޗެމްޕިއަންކަން ސިޓީއަށް ލިބިގެންދާނެ އެވެ. ޔުނައިޓެޑަކީ ލޯގުގެ ތަށި މިހާތަނަށް 20 ފަހަރު އުފުލާލާފައިވާ ޓީމެކެވެ. ނަމަވެސް 2013 ގެ ފަހުން އަދި އެ ޓީމަށް ލީގެއް ނުހޯދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލާހު

    މީދެން ކިހާ ދެރަ ކަމެއް ކަލޭމެންނަށް މެޗު ކުޅެން ނުކެރޭންޏާ ތިހެން ސަޕޯޓަރުން ލައްވައި ވަށް ވަށް ޖައްސުވާނެކަމެއްނެތް 😤

    14
    9