ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި ޕީއެސްޖީ ބަލިކޮށް ސިޓީގެ ތާރީހުގައި ފުރަތަމަ ފަހަރަށް މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގު ސިޓީ ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ސިޓީ ފައިނަލަށް ދަތުރުކުރީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މި މެޗުގައި ސިޓީގެ ދެ ލަނޑުވެސް ޖަހައިދިނީ މޮޅު ކުޅުމެއް ދެއްކި ރިޔާދް މަހްރޭޒް އެވެ. މީގެއިތުރުން ސިޓީގެ ކެވިން ޑިބްރޭނާ ގެ ފަރާތުން ފެނުނު ކުޅުންވެސް ފާހަގަކޮށްލެވެއެވެ.

މެޗު ފަށައިގެން ޕީއެސްޖީން ކުޅުނީ ސިޓީ ކޮޅަށް ވަރަށް ޕްރެޝަރު ބޮޑުކޮށްގެންނެވެ. ލިބޭ ބޯޅަތަކުގައި ސިޓީ ކޮޅަށް ބާރުބޮޑުކުރަން މަސައްކަތްކޮށް ކުރީކޮޅުގައި ލީޑެއް ނަގަން ޕީއެސްޖީން ވަރަށް މަސައްކަތްކުރި އެވެ ނަމަވެސް ސިޓީން ވަނީ ޕީއެސްޖީން ލީޑު ނަގަން ކުރިޔަށް ޖެހުނު ވަގުތުގެ ފައިދާ ނަގައި ލީޑު ނަގާފައެވެ. ކެވިން ޑިބްރޭނާ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކުޅުންތެރިއެއްގެ ފައިގަ ޖެހިފައި ލިބުނީ މަހްރޭޒް އަށެވެ. އޭނާ މި ލަނޑު ޖެހީ 11 ވަނަ މިނެޓުގައެވެ.

މި ވޭތުވެދިޔަ ތިން ސީޒަނުގައިވެސް ސިޓީ ނިންމާލަން ޖެހުނީ ކުއާޓާފައިނަލާއި ހިސާބުންނެވެ. ސިޓީ ވަނީ 2016 ވަނަ އަހަރު ސެމީފައިނަލުގައި ވާދަކޮށްފައެވެ.
ސިޓީއަށް މި ސީޒަނުގައި މިހާތަނަށް އިނގިރޭސި ލީގު ކަޕް ވަނީ ކާމިޔާބުކުރެވިފައެވެ. އަދި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް އެ ޓީމަށް ދެން ބޭނުންވަނީ ބާކީ އެއް މޮޅެވެ. މިއާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރުމުގެ ފުރުސަތު އެ ޓީމަށް މި އޮތީ ލިބިފައެވެ.
ޔޫރަޕުގެ ކުލަބު މުބާރާތެއްގައި ސިޓީއަށް މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ 1970 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ވިނާސް ކަޕުގައެވެ. އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމު ހޯދިއެވެ.

ސިޓީއާއެކު ފައިނަލުގައި ވާދަކުރާނެ ޓީމެއް ޔަގީންވާނީ ޗެލްސީއާއި ރެއާލް މެޑްރިޑް ކުޅޭ ދެވަނަ ލެގުގެ މެޗަށްފަހު އެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފައިނަލް މެޗު ކުޅޭނީ މެއި 29 ގައެވެ.