އާސެނަލް އާއި އިންގްލެންޑްގެ ވިންގް، ބުކާޔޯ ސަކާ އަށް ލިބުނު އަނިޔާ އިން ސަލާމަތްވެ، އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާ ކަމަށް ބޭރުގެ ބައެއް ރިޕޯޓުތައް ބުނެފިއެވެ.

ސަކާ އަށް އަނިޔާވީ ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެރޭ ނޮޓިންހަމް ފޮރެސްޓް އަތުން މޮޅުވި މެޗުގައެވެ. އާސެނަލް 5-0 އިން މޮޅުވި މެޗުގައި ސަކާ ވަނީ ފުރަތަމަ ލަނޑު ޖަހައި ދިނުމަށް އެހީތެރިވެދީފައެވެ. އެކަމަކު، އޭނާ ވަނީ ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ބާލައިފައެވެ.

އެ މެޗުގައި އޭނާ ދަނޑުން ބޭލީ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ސަކާ އަށް ލިބުނު އަނިޔާއާ ހެދި އޭނާ އަށް މިފަހަރުގެ ވޯލްޑް ކަޕް ގެއްލިދާނެ ކަމުގެ ބިރު ވެސް ހީވިއެވެ.

އެކަމަކު، ސަކާ ވަނީ މިއަދު ކުރިއަށް ދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އަދި ޔޫރޮޕާ ލީގުގައި މާދަމާރޭ އެފްސީ ޒިއުރިކްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެނުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ސަކާގެ އިތުރުން އަނިޔާގައި ހުރި މުހައްމަދު އެލްނެނީ އާއި އެލެކްސެންޑްރާ ޒިންޗެންކޯ ވެސް ފަރިތަކުރުންތަކުގައި ބައިވެރިވާ ހާލަތުގައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ. ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އެލްނެނީ މިދިޔަ އޮގަސްޓް މަހުން ފެށިގެން އާސެނަލް އަށް މެޗެއް ކުޅެދީފައެއް ނުވެއެވެ. އަދި އާސެނަލް އެންމެ ފަހުން ކުޅުނު އަށް މެޗުގައި ޒިންޗެންކޯ ވެސް ފެނިފައެއް ނުވެއެވެ.

ސަކާ އަކީ މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިންގްލެންޑް ދަތުރުކުރިއިރު، ރަނގަޅު ކުޅުމެއް ދެއްކި ކުުޅުންތެރިއެކެވެ. ސަކާ ވަނީ މިހާތަނަށް އިންގްލެންޑްގެ ސީނިއާ ޓީމަށް 20 މެޗު ކުޅެދީ ހަތަރު ގޯލް ޖަހައިދީފައެވެ.

ސަކާ މި ސީޒަންގައި އާސެނަލް އަށް ކުޅެދިން 17 މެޗުގައި ވަނީ ފަސް ގޯލް ޖަހައިފައެވެ. އަދި ފަސް ގޯލް ޖެހުމަށް އޭނާ ވަނީ އެހީތެރިވެ ދީފައެވެ.