ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކަހަލަ މޮޅު ކުޅުންތެރިންނާ ދެކޮޅަށް މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުމަކީ ލިބޭ ޝަރަފެއް ކަމަށް ސައުދީ އަރަބިއްޔާގެ ކޯޗް، ހާވް ރެނާޑް ބުނެފިއެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ސައުދީން މިއަދު ނުކުންނާނީ މުބާރާތުގެ ފޭވަރިޓްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ އާޖެންޓީނާއާ ދެކޮޅަށެވެ. އެ ޓީމާ ދެކޮޅަށް ނުކުންނަ އިރު، ސައުދީ ޓީމަށް އޮތް ބިރަކީ މެސީއެވެ. އެއީ މެސީއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް ވެފައި، މެޗުގެ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ އަނބުރާލުމުގެ ގާބިލްކަން އޭނާ އަށް ލިބިފައިވުމެވެ.

އަނެއްކޮޅުން މޮރޮކޯގެ ކޯޗަކަށް ކުރިން ހުރި ރެނާޑް ރޮނާލްޑޯއާ ދެކޮޅަށް ނިކުތް މެޗެއްގައި މޮރޮކޯ ބަލިވެގެން ގޮސްފައިވާތީ ސައުދީގެ ކޯޗު ފާހަގަ ކުރާ ދެވަނަ ކުޅުންތެރިޔަކީ ރޮނާލްޑޯއެވެ.

ރޮނާލްޑޯގެ ޕޯޗުގަލްއާ ބައްދަލުކޮށް، ރެނާޑްގެ މޮރޮކޯ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އަލްވަދާއު ކިޔާފައިވަނީ ރޮނާލްޑޯ ބޮލުން އެ ޓީމަށް ކާމިޔާބު ކޮށްދިން ގޯލާއެކުއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރެނާޑް ވަނީ ރޮނާލްޑޯ އާއި މެސީ އަކީ ފުޓްބޯޅައިގެ ލެޖެންޑުން ކަން ފާހަގަކޮށް އެމީހުންނަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ފުޓްބޯޅައަކީ ތަފާތު ކުޅިވަރެއްކަން ފާހަގަކޮށް ރެނާޑް ބުނީ، ގަތަރަށް އައިސް އެ ދެކުޅުންތެރިންނާ ދެކޮޅަށް ކުޅުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.

"ރަނގަޅު ކުޅުމެއް ނުވަތަ ފައިޓެއް ހިނގާއިރު، ގަދަ އަޅައި މަސައްކަތް ކުރަން ޖެހޭނީ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ޓީމެއް ބަލި ކޮށްލަން. އެއީ ފުޓްބޯޅައިގެ ރީތި ކަމަކީ. ކުޅިވަރުގައި ސަޕްރައިޒް ލިބޭނެ" އޭނާ ބުންޏެވެ.

އޭނާ ބުނެފައިވަނީ މުބާރާތަށް ޓީމު އޮންނަން ޖެހޭނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ. ހަމައެކަނި އާޖެންޓީނާގެ މެޗަށް ތައްޔާރުވެގެން އެއަށް ފޯކަސް ނުކޮށް ދެން ތިބި ދެ މެޗަށް ވެސް ފޯކަސް ކުރަން ޖެހޭ ކަމަށާއި ތިން މެޗަކީ ވެސް ސައުދީ އަށް މުހިންމު މެޗުތަކެއްކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ސައުދީ އަރަބިއްޔާ އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މެންދުރު ފަހު 15:00 ގައެވެ.