މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބޮޑު އަގުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ގެނައި އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ފަހުވަގުތު ވައްދާލި ލަނޑާއެކު ރެއާލް މެޑްރިޑުން 2-1 އިން ގެޓަފޭ އަތުން މޮޅުވެއްޖެއެވެ.

މި ނަތީޖާއާއެކު ރެއާލް އެއްވަނައިގައި އޮތީ ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ޖިރޯނާ އާއި ބާސެލޯނާ އޮތީ ތިންވަނަ އާއި ހަތަރެއްގައެވެ. ޖިރޯނާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ގެޓަފޭ އިންނެވެ. މެޗު ފެށިގެން 11 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ކުރީން ރެއާލަށް ކުޅުނު ފޯވާޑް، ބޯރްހާ މަޔޯރާލް އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެ މިނެޓުގެ ތެރޭގައި ރެއާލުން އެއްވަރުކުރީ ހޮސެލޫ ކާމިޔާބުކުރި ގޯލުންނެވެ.

މި މެޗުން ރެއާލް މޮޅުކޮށްދިން ލަނޑު، އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެލިންހަމް އެވެ. މިއީ ރެއާލްގެ ނާޗޯ ފެނާންޑޭޒް ފޮނުވާލި ހަމަލާއެއް ގެޓަފޭގެ ކީޕަރު ޑޭވިޑް ސޮރިއާ އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ ބެލިންހަމް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ ރެއާލަށް ލީގުގައި އޭނާ ޖަހައިދިން ފަސްވަނަ ގޯލެވެ. މިހާތަނަށްއައިއިރު މި ފަހަރުގެ ސީޒަނުގައި ރެއާލަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވަނީ ވެސް ބެލިންހަމްއެވެ.

ލީގުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި، އެތުލެޓިކޯގެ ދަނޑުގައި ސެވިއްޔާއާ ބައްދަލުކުރާއިރު ރަށުން ބޭރުގައި ބާސެލޯނާ ނިކުންނާނީ އޮސަސޫނާއާ ދެކޮޅަށެވެ.