އޭއެފްސީ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި މޮޅު ކުޅުމާއެކު ސައުދީ އަރަބިއްޔާގެ އަލް ނަސްރު 4-3 ގެ ނަތީޖާއަކުން ގަތަރުގެ އަލް ދުހައިލް އަތުން މޮޅުވެ، ސައްތައިން ސައްތައިގެ ރެކޯޑް ދަމަހައްޓައިފިއެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑުޖަހައި، އިތުރު ގޯލެއް ޖެހުމަށް އެހީތެރިވެދީފައެވެ.

މި ނަތީޖާއާއެކު ގްރޫޕް އީ ގެ އެއްވަނައިގައި އަލް ނަސްރު އޮތީ ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު އޮތީ އީރާންގެ ޕާސެޕޯލިސް އެވެ. ތިންވަނައިގައި އޮތް އަލް ދުހައިލް އާއި ފުލުގައި އޮތް އެފްސީ އިސްތިކްލާލް އަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ދުހައިލް އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ރިޔާދްގައި ރޭ ކުޅުނު މެޗުގައި އަލް ނަސްރުން ލީޑްނެގީ 25 ވަނަ މިނެޓުގައި އެންޑަސަން ޓަލިސްކާ ވައްދާލި ލަނޑުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ރޮނާލްޑޯ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަރަކަށް މިނެޓުގެ ތެރޭގައި ސެނެގޯލްގެ ފޯވާޑް، ސަޑިއޯ މާނޭ ކާމިޔާބުކުރި ގޯލާއެކު އަލް ނަސްރުން ވަނީ ދެ ލަނޑުގެ ލީޑެއްނަގައިފައެވެ. އަދި އޭގެ ހަ މިނެޓުފަހުން، ރޮނާލްޑޯ ކާމިޔާބުކުރި ގޯލާއެކު އަލް ނަސްރުން ލީޑް އިތުރަށް ފުޅާކުރިއެވެ.

އަލް ނަސްރުން ތިންވަނަ ލަނޑުޖެހިތާ ފަސް މިނެޓުގެ ތެރޭގައި އަލް ދުހައިލް އިން ވަނީ ގާތްގާތުގައި ދެ ލަނޑުޖަހައިފައެވެ. އެ ޓީމަށް މި ދެ ލަނޑުޖަހައިދިނީ އިސްމާއިލް މުޙައްމަދު އާއި އަލްމޮއެޒް އަލީ އެވެ.

އޭގެފަހުން، މެޗުގެ 81 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އިތުރު ލަނޑެއްޖަހައި، ނަތީޖާ 4-2 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް މައިކަލް އޮލުންގާ ވަނީ އަލް ދުހައިލް އަށް ފަރަގު ކުޑަކޮށްދީފައެވެ.

މި ގްރޫޕުގެ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުން ޕާސެޕޯލިސްގެ ދަނޑުގައި އިސްތިކްލާލް އަތުން އެ ޓީމު މޮޅުވިއިރު، ދެ ލަނޑުވެސް ޖެހީ ސައީދު ސަދޭގީ އެވެ.