މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި އިއްޔެ ކުޅުނު މެޗުގައި ނުބައިނުވެ ގްލެން މެކްސްވެލް ހެދި ޑަބަލް ސެންޗަރީ އާއެކު، ތިން ވިކެޓުން އަފްޣާނިސްތާން ބަލިކޮށް އޮސްޓްރޭލިއާ އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި ނަތީޖާއާއެކު އޮސްޓްރޭލިއާ ވަނީ އެންމެ ކުރީގަ އުޅޭ އިންޑިއާ އާ ހަތަރު ޕޮއިންޓާ ގާތަށް ޖެހިލާފައެވެ. އިންޑިއާ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު އަށް މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ދެކުނު އެފްރިކާގެ އިތުރުން ތިންވަނައިގައި އޮތް އޮސްޓްރޭލިއާ އަށް ވެސް 8 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ދެކުނު އެފްރިކާ އަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ. މި ތިން ޓީމު ވެސް ސެމީން ޖާގަ ހޯދައިފައެވެ.

މުމްބާއީގެ ވަންކެޑޭ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އަފްޣާނިސްތާނުން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 291 ލަނޑުހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 143 ބޯޅައިން 129 ލަނޑުހެދި އިބްރާހިމް ޒަދްރާންއެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ރަޝިދް ޚާން ނުބައިނުވެ 18 ބޯޅައިން 35 ލަނޑުހެދިއެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާގެ ޖޯޝް ހޭޒަލްވުޑް ދެ ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އަރައި، 46.5 އޯވަރުގެ ތެރޭގައި އޮސްޓްރޭލިއާ އިން ވަނީ ހަތް ވިކެޓަށް 293 ލަނޑު ހަދައިފައެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާގެ ސްކޯ 91 ލަނޑަށް ހަތް ވިކެޓް ގެއްލިފައިވަނިކޮށް، ގްލެން މެކްސްވެލް އާއި އެ ޓީމުގެ ކެޕްޓަން، ޕެޓް ކަމިންސް ގުޅިގެން ވަނީ ހަތްވަނަ ވިކެޓަށް 202 ލަނޑުގެ ޕާޓްނާޝިޕެއް ފުރިހަމަކޮށް، މެޗު ކާމިޔާބުކޮށްފައެވެ.

އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 128 ބޯޅައިން 201 ލަނޑުހެދި މެކްސްވެލްއެވެ. ދެން އެންމެ ގިނަ ލަނޑުހެދީ މިޗޭލް މާޝްއެވެ. މާޝް ވަނީ 11 ބޯޅައިން 24 ލަނޑު ހަދައިފައެވެ. އަފްޣާނިސްތާންގެ އުކުންތެރިން ކަމަށްވާ، ނަވީން-އުލް-ހައްޤު އާއި އަޒްމަތުﷲ އޮމަރްޒާއީ އަދި ރަޝީދު ޚާން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

މި މެޗުގައި ހެދި ޑަބަލް ސެންޗަރީ އާއެކު މެކްސްވެލް ވަނީ އެއް ދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓްގައި އޮސްޓްރޭލިއާ އަށް އެއް މެޗުގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އަނެއްކޮޅުން، މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ކުޅުންތެރިއަކު ހެދީ ތިންވަނަ އަށް އެންމެ މަތީ ސްކޯއެވެ.