ދެވަނަ ހާފުގައި ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ ވައްދާލި ދެ ލަނޑާއެކު އަމިއްލަ ދަނޑުގައި ފަހަތުން އަރައި ޑިޕޯޓިވޯ އަލަވެސް އަތުން 1-2 އިން ބާސެލޯނާ މޮޅުވެއްޖެއެވެ.

މިއީ ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ. އެ ޓީމު ބަލިވީ ރެއާލް އަތުންނެވެ.

މި ނަތީޖާއާއެކު ބާސެލޯނާ ވަނީ ލީގުގެ އެއްވަނައިގައި އުޅޭ ޖިރޯނާއާ ހަތަރު ޕޮއިންޓާ ގާތަށް ޖެހިލައިފައެވެ. ޖިރޯނާ އެއްވަނައިގައި އޮތީ 13 މެޗުން ލިބުނު 34 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 13 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އޮތީ 13 މެޗުން ލިބުނު 30 ޕޮއިންޓާއެކު ތިނެއްގައެވެ. ހަތަރުވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ދެ މެޗު މަދުން ކުޅެގެން 11 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.

އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިތާ 17 ވަރަކަށް ސިކުންތުގެ ތެރޭގައި ކުރީން ލީޑްނެގީ އަލަވެސް އިންނެވެ. މިއީ އެ ޓީމުގެ ހާވީ ލޮޕޭޒް ނެގި ހުރަހަކުން ސެމުއެލް އޮމޮރޯޑިއޮން ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، ފުރަތަމަ ހާފުގައި އަލަވެސް އަށް ލަނޑެއް ޖަހައިދޭން ރަނގަޅު ފުރުސަތުތަކެއް ލިބި އެ ޓީމުގެ ފޯވާޑް، އޮމޮރޯޑިއޮން އަށް ވަނީ ބޭނުންހިފޭގޮތްނުވެފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން އަލަވެސް ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 8 ވަނަ މިނެޓުގައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ލެވަންޑޯސްކީ އެވެ. އެ ޓީމުގެ ފްރާންސް ޑިފެންޑަރު، ޖޫލްސް ކޫންޑޭ ނެގި ހުރަހަކުން ލިބުނު ބޯޅައަކުން ލެވަންޑޯސްކީ މި ލަނޑުޖެހީ ބޮލުންނެވެ.

މެޗު ނިމެން 12 މިނެޓަށްވެފައި ވަނިކޮށް ބާސެލޯނާ މޮޅުވި ލަނޑު، ލެވަންޑޯސްކީ ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ބާސެލޯނާގެ ފޯވާޑް، ފެރާން ޓޮރޭސް އަށް އަލަވެސްގެ ޑިފެންޑަރު، އަބްދެލްކަބީރު އަބްކަރް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުން ބަލިވި އަލަވެސް އޮތީ 13 މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ. އެ ޓީމަށް ދެން އޮތީ މި މަހުގެ 24 ވާ ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ގްރަނަޑާއާ ބައްދަލުކުރާ މެޗެވެ. ބާސެލޯނާ ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ނިކުންނާނީ ރަޔޯ ވަޔެކާނޯއާ ދެކޮޅަށެވެ.ށ