މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކާޑުތަކުން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓް ބޮޑުކޮށްފިއެވެ.

އެ ބޭންކުން ހާމަކުރި ގޮތުގައި ކަސްޓަމަރުންގެ ތެރެއިން މުސާރަ އެމްއައިބީ އަށް ޖަމާކުރާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓަށް ދޫކުރާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓު މިހާރު ވަނީ އިތުރުކޮށްފައެވެ. އެގޮތުން މުސާރަ ޖަމާކުރާ ކަސްޓަމަރުންގެ ރުފިޔާ ކާޑަށް ބޭރުގެ މުއާމަލާތް ކުރުމަށް ކުރިން ދެމުން އައި މަހަކު 100 ޑޮލަރުގެ ލިމިޓް މިހާރު ވަނީ 250 ޑޮލަރަށް ބޮޑުކޮށްފައެވެ.

އެމްއައިބީއަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަކީ އެތަނުގެ "މިބްނައިން" (MB9) ކުލަބުގެ މެމްބަރުންނެވެ. އަދި އެ މެމްބަރުންނަށް ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި "އުޖާލާ ދިރިއުޅުން" ފައިނޭންސް ސްމީކް މެދުވެރިކޮށް ފައިނޭންސްކުރާ ނަމަ ޕްރޮފިޓް ރޭޓު 15-13 ޕަސަންޓަށް ކުޑަވުމާއި ފައިނޭންސިން ޕްރޮސެސިން ފީ 1 ޕަސަންޓުން 0.5 ޕަސަންޓަށް ކުޑަވުން ހިމެނޭނެއެވެ. އަދި މެމްބަރަކަށް ވުމަށްފަހު ނަގާ ވިސާ އެވްރީޑޭ ކާޑުގެ ރެޖިސްޓްރޭޝަން ފީ އުނިވާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އެމްއައިބީން ބުނީ އެ ބޭންކަށް މުސާރަ ޖަމާކުރަން ފަށާ ފުރަތަމަ މަހުން ފެށިގެން އެފައިދާތައް ކަސްޓަމަރުންނަށް ލިބެން ފަށާނެ ކަމަށާއި ބޮޑުކުރި ޑޮލަރު ލިމިޓާ އެކު ބޭންކަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންގެ މެމްބާޝިޕް ބެނެފިޓްތައް އިތުރަށް ފުރިހަމަވާނެ ކަމަށެވެ.

އެމްއައިބީ ރަސްމީކޮށް ހުޅުވާފައިވަނީ 7 މާރޗް 2011 ގައެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެ ބޭންކުން އާއްމުންނަށް ހިއްސާ ވިއްކަން ފަށާފައިވަނީ 2019ވަނަ އަހަރުއެވެ.