ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނަބަޔަކު ޚިދުމަތް ހޯދަމުންދާ މުވާސަލާތީ ކުންފުނި، ދިރާގުން ރަމަޟާން މަހާއި ދިމާކޮށް ދިރާގު އެޕްއިން ލޯންޗުކުރި 'ހިތްތައް ހޯދާ' ޕްރޮމޯޝަންގެ ނަސީބުވެރިންނާ އަގުހުރި އިނާމުތަކެއް ހަވާލުކޮށްފިއެވެ.

ރަމަޟާން މަސް ނިމެންދެން ކުރިއަށް ދިޔަ މި ހަރަކާތުގައި ކަސްޓަމަރުންނަށް ދިރާގު އެޕްއިން ވާޗުއަލް ހިތްތައް ހޯދައިގެން ހާއްސަ އިނާމުތަކެއް ރިޑީމް ކުރުމުގެ ފުރުސަތު އެކުންފުނިން ދީފައިވެއެވެ.

އެޕަށް ވަނުމުން އަރާ ބެނާއަކުން އެޕް މެދުވެރިކޮށް ވާޗުއަލް ހިތް ނެގުމުން ކަސްޓަމަރުންނަށް ރިޑީމް ކުރެވޭ ޕޮއިންޓުތައް ދިރާގުން ދޫކުރިއެވެ. އެގޮތުން ހޯދާ ކޮންމެ ހިތަކަށްވެސް ވަކި އަދަދެއްގެ ޕޮއިންޓް ލިބޭއިރު، ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހިތެއް ހޯދުމުގެ ފުރުސަތު އޮތެވެ.

އެގޮތުން އިނާމު ހަވާލުކުރެވުނު ފަރާތްތަކަކީ ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ހިތެއް ހޯދާ، އެންމެ މަތިން ޕޮއިންޓް ހޯދި ކަސްޓަމަރުންގެ ތެރެއިން ނެގި ގުރުވަތުން ހޮވުނު ނަސީބުވެރިންނެވެ. އެގޮތުން މި ނަސީބުވެރިންނަށް ދިން އިނާމުތަކުގެ ތެރޭގައި ޕީއެސް 5، ގޯޕްރޯ ހިރޯ 12 ކެމެރާ، އަދި ސެމްސަންގ އެސް 24 އަލްޓްރާ ފޯނު ހިމެނެއެވެ.

މީގެ އިތުރުން ރަމަޟާން މަހުގައި އެކި އަދަދަށް ހިތްތައް ހޯދައި ޕޮއިންޓް އެއްކުރި އެކި ފަރާތްތަކަށް ދިރާގުން ވަނީ އެއް ޓީބީއާ ހަމައަށް މޮބައިލް ޑެޓާވެސް ހަދިޔާކޮށްފައެވެ.

ދިރާގުން މިފަހަރު ރޯދަމަހަށް ހާއްސަ ކެމްޕެއިން ޝިއާރަކީ "ހެޔޮ ހިތުން"އެވެ. އަދި މި ކެމްޕޭން ބިނާވެފައި ވަނީ މި ބަރަކާތްތެރި މައްސަރުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހިތްހެޔޮ އަމަލުތައް ކުރުމުގެ މައްޗަށެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންގެ ދިރިއުޅުން މުއްސަނދިކޮށް ޑިޖިޓަލް ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.