ރިއަލް އެސްޓޭޓް ވިޔަފާރީގެ އިންވެސްޓްމަންޓްތަކަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ވަދެ، ހައްޖު ދަތުރުތަކުގެ އަގު ހެޔޮ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޙައްޖު ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ގާއިމްކޮށް ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން، ޙައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައް ކޮށް އެ ކުންފުނީގެ އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ޙައްޖު ކޯޕަރޭޝަން ހަދައި ޙައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރެވިގެން ދިއުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެކެވެ.

ސަރުކާރުގެ މި އަމާޒަށް ވާސިލްވުމަށްޓަކައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްގެ ބެއްލެވުމުގެ ދަށުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ޙައްޖު ފަންޑުން ކުރާ އިންވެސްޓްމަންޓައް ހަރުދަނާ ކުރުމަށްޓަކައި އެކިއެކި ދިރާސާތައް ކޮށް، ހައްޖު ފަންޑުން ކުރެވިދާނެ އިންވެސްޓްމަންޓްތައް ދެނެގަނެ އެކަމާގުޅޭ ދުރު ރާސްތާ ޕްލޭން އެކުލަވާލުމާއެކު އެމަސައްކަތް އަމަލީގޮތުން ފަށާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.

އެ މަސައްކަތުގެ ތެރެއިން ފުރަތަމަ ކަމެއްގެ ގޮތުން، އެކުންފުނިން ވަނީ ގެދޮރު ބިނާ ކުރުމުގެ ވިޔަފާރިއަށް އިންވެސްޓް ކުރުމަށް ނިންމާ، ހުޅުމާލެ ފޭސް 2 ގައި ރެސިޑެންޝަލް އެޕާޓްމަންޓް ހިމެނޭ އިމާރާތެއް ތަރައްގީ ކުރުމަށް ހައުސިންގެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެކަމަށް ބޭނުންވާ 22000 އަކަފޫޓުގެ ބިން ގަތުމަށްޓަކައި މި މަހުގެ 25 ވަނަ ދުވަހު އެޗްޑީސީއާއެއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ. އެޗްޑީސީގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދެވެ.

މިކަމާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޝަކީލް ވިދާޅުވީ މިއީ ވަރަށްބޮޑު ފެށުމެއް، މި ސޮއިކުރި އެއްބަސްވުމާއެކު މި ޕްރޮޖެކްޓްގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

"މި އިމާރާތާއެކު ޙައްޖު ކޯޕަރޭޝަންގެ އިންވެސްޓްމަންޓް ފަންޑް އިތުރަށް ތަރައްޤީކުރެވި، ޙައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރެވި ރައީސް ޑރ. މުޢިއްޒުގެ ތަޞައްވަރު ހަޤީގަތަކަށް ވެގެންދާނެ އަދި މި ފެށިގެންދާ މަސައްކަތުން ޙައްޖު ފަންޑަށް އިތުރުވެގެންދާ ފައިސާއިން ޙައްޖު ކޯޕަރޭޝަނުން ދެމުންގެންދާ ޙައްޖާއި ޢުމްރާގެ ޙިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރެވި ޙިދުމަތުގެ އަގަށް ހެޔޮބަދަލުތަކެއް ގެނެވިގެންދާނެ،". އޭނާ ވިދާޅުވިއެވެ.

މިސަރުކާރުން ޙައްޖު ކޯޕަރޭޝަނަށް ގެންނެވި ބަދަލާއެކު އެކޯޕަރޭޝަންގެ ހިންގުން ހަރުދަނާވެ އެކުންފުނިން ދެމުންދާ ޚިދުމަތްތަކަށް އެދެވޭ ހެޔޮ ބަދަލުތަކެއް ދަނީ އަންނަމުންނެވެ. އެގޮތުން، އެކުންފުނީގެ ޢުމްރާވެރިން މަދީނާއަށް ކުރާ ދަތުރު ހައިސްޕީޑް ރޭލުގައި ކުރުމަށް ނިންމާ އެންމެފަހުން ކުރެވިގެންދިޔަ ރަމަޟާން ޢުމްރާގެ ހުރިހާ ޢުމްރާވެރިންވެސް އެ ދަތުރު ކޮށްފައިވަނީ ރޭލުގައެވެ. މިކަމުގެ ސަބަބުން ދިވެހި ޢުމްރާވެރިން މީގެކުރިން މަދީނާއަށް ކުރާ ތަކްލީފްބޮޑު ބުރަ ދަތުރުތައްވަނީ ނިމުމަކަށް ގެނެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާލު

    ސަރުކާރާ ފައިސާ ހަވާލުކުރަނީ އަމާނާތެއް ގޮތުގައި. އޭގެން ފާޑުފާޑުގެ ވިޔަފާރިކޮށް ފައިސާ ގަޑުބަޑުކުރާކަށް ނޫން.

    5
    2
  2. އަލޮމް މިއާ

    ވަރަށް ރަނގަޅު ނިންމުމެއް
    މީގެ ސަބަބުން ބޭނުންވެފައިތިބި ދިވެހި އެތައް ރައްޔިތަކު ހައްޖުގެ އަޅުކަން އަދާކުރުމަށް ކުރާ އުންމީދުއާވެ، ލުއިފަސޭހަތަކެއްލިބިގެންދާނެ

    7
    2
  3. ގޮނު

    އަނެއްކުންފުނި ވިދުނީ

    4
    1