މިދިޔަ މަހު ރާއްޖެއަށް އައި 168،647 ފަތުރުވެރިންނާއި އެކީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ހަތް ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ

ފަތުރުވެރިކަމާއި ވުޒާރާއިން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް އައިސްފައިވަނީ 168،647 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު، 12.3 އިންސައްތައިގެ ކުރިއެރުމެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް އައިސްފައިވަނީ 164،357 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރުގެ ފުރަތަމަ ހަތަރު މަހުގައި ރާއްޖެއަށް އައިސްފައިވަނީ 772،651 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ މަންޒިލްތަކަށް ބަލާއިރު، 83،835 ފަތުރުވެރިންނާއި އެކީ އެއް ވަނައިގައި އޮތީ ޗައިނާއެވެ. 77،632 ފަތުރުވެރިންނާއި އެކީ ދެވަނައިގައި ރަޝިއާ އޮތްއިރު، 75،253 ފަތުރުވެރިންނާއި އެކީ ތިން ވަނައިގައި އޮތީ އިނގެރޭސިވިލާތެވެ. ހަތަރު ވަނައިގައި އިޓަލީ 70،514 ފަތުރުވެރިންނާއެކު އޮތްއިރު، މިދިޔަ އަހަރުގެ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އިންޑިއާ އޮތީ 42،638 ފަތުރުވެރިންނާއި އެކީ ލިސްޓުގެ ހަ ވަނައިގައެވެ.

ރާއްޖޭގައި މިހާރު 176 ރިސޯޓު ހިންގަމުންދާއިރު، 15 ހޮޓެލަކާއި، 844 ގެސްޓް ހައުސްގެ އިތުރުން، 147 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.

ދުވަހުން ދުވަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، މިއަހަރު ރިކޯޑް އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު