ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)އިން މި އަހަރު ހައްޖަށް ފޮނުވާ މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލު ކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، ހައްޖަށްފޮނުވުމަށް ހޮވުނު މުވައްޒަފުންނަށް ލިޔުން ހަވާލު ކޮށްދެއްވާފައިވަނީ އެމް.އޭ.ސީ.އެލްގެސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، މުވައްޒަފުންނަށް ޙައްޖުގެ ފުރުސަތު ހޯއްދަވައިދެއްވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އެކު ކުރެވުނު މަސައްކަތްތަކުން އެފުރުސަތު މުވައްޒަފުންނަށް ފަހިވެގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

މީގެ އިތުރުން ކުންފުނިން މިކަމަށް ދޭ އިސްކަންވަރަށް ބޮޑު ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ކުންފުނީގައި ގިނަ ދުވަހު މަސައްކަތްކުރާ މުވައްޒަފުންނަށް ލިބެމުން އަންނަ ފުރުސަތުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެމް.އޭ.ސީ.އެލް އިން މި ފުރުސަތު ލިބުނު 10 މުވައްޒަފުންނަކީ:

ޢަބްދުލް ލަތީފް ޢަލީ - އެމްޕްލޯއީ ފެސިލިޓޭޝަން އެންޑް ޓްރާންސްޕޯޓް
އަޙްމަދު ޖަލީލް - އެމްޕްލޯއީ ފެސިލިޓޭޝަން އެންޑް ޓްރާންސްޕޯޓް
މުޙައްމަދު ރަޝީދު އަބްދުއްﷲ - ވޯޓާ އެންޑް ސްވަރޭޖް ސަރވިސަސް
އަޙްމަދު ޢާދިލް - މެކޭނިކަލް ސަރވިސަސް
ޢަލީ ރިޔާޒް އިސްމާޢީލް - އޭރޮނޮޓިކަލް އިންފޮމޭޝަން ސަރވިސަސް
އިބްރާހިމް ސިރާޖު - ޓަރމިނަލް ފެސިލިޓީ މެނޭޖްމަންޓް
އިބްރާހިމް ޚާލިދު - އެއަރ ޓްރެފިކް ސަރވިސަސް
އަޙްމަދު އިބްރާހިމް - ފިއުލް ސަރވިސަސް
ޙައްވާ ޝަޒްދާ - ބެގޭޖް ސަރވިސަސް
ޖީޒާ މުޙައްމަދު ޓެލެންޓް އެކުއިޒިޝަން އެންޑް ޓޯޓަލް ރިވަރޑްސް

2017 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން މުވައްޒަފުންނަށް ޙައްޖުގެ 10 ފުރުސަތު ހޯދައިދެމުން ގޮސްފައިވެއެވެ. އަދި ކޮވިޑް-19 އާގުޅިގެން މެދު ކެނޑުމަށްފަހު މިދިޔަ އަހަރުން ފެށިގެން މުވައްޒަފުންނަށް މި ފުރުސަތު އަލުންދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 5 ފުރުސަތުގައި ފަސް މުވައްޒަފުންނަށް ޙައްޖު ސްޕޮންސަރ ދެވިފައި ވެއެވެ. އަދި މިއަހަރުގެ ކޯޓާ އިތުރުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 10 ބޭފުޅުންނަށް ފުރުސަތު ދެވުނުކަން ފާހަގަކޮށްލެވެއެވެ.

ހައްޖުގެ ދަތުރަށް ޖާގައިގެ ފުރުސަތު ދިނުމުގައި ކުންފުނިން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށެވެ.

އެމްއޭސީއޭލްއިން ދަނީ ކުންފުނީގެ މުވައްޒަފުންނަށް ތަފާތު ފުރުސަތުތައް ފަހިކޮށް ގިނަ ދުވަހު މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.