މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ ފަރާތުން ބޭއްވި ފުރަތަމަ "އެއާޕޯޓް އިމަޖެންސީ އެންޑް ރެސިލިއެންސް ފޯރަމް 2024" ގައި ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބައިވެރިވެއްޖެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިމާވާ ކުއްލި ނުރައްކާތަކުންނާއި އަދި އެއަރޕޯޓްގެ ސަލާމަތީ ކަންތައްތަކާ ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާ ކުރުމަށް ބޭއްވި މި ފޯރަމްގައި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ރަޝީދު އަދި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ހަސަން ޝާހިދު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އަދި އޭގެ އިތުރުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑާ، ލެފްޓިނެންޓް ކާނަލް ޔޫސުފް ރަޝީދާއި، ޑިފެންސް އިންޓެލިޖެންސް ސާވިސްއިން މޭޖާ ހަސަން ސަމީހް، އެއާޕޯޓްގައި ދިމާވާ އެކިއެކި ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތާބެހޭ ގޮތުން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފައި ކަމަށެވެ

 

ކްރޮސްރޯޑްސްގައި ދެ ދުވަހަކުގެ މުއްދަތައް ކުރިއަށްގެންދިޔަ އެ ފޯރަމްގެ މައިގަނޑު މަގުސަދަކީ ވީއައިއޭގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާއި ދިމާވެދާނެ ކުއްލި ހާލަތަކަށް އިޖާބާދިނުމުގައި މިހާރަށްވުރެ ބޮޑަށް ތައްޔާރުވެ އެކަމަށް ހުރިހާ ސްޓޭކް ހޯލްޑަރުން އެކުގައި މަސައްކަތްކުރުން ހަރުދަނާ ކުރުން ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެ ފޯރަމްގައި ސެކިއުރިޓީއާއި އެމަޖެންސީ ހާލަތްތަކުގައި އެކި މުއައްސަސާތަކުން އަދާކުރާ ދައުރާބެހޭގޮތުން މައުލޫމާތު ހުށަހަޅާނެ ކަމަށެވެ. އަދި ސެކިއުރިޓީ އެމަޖެންސީ ޓޭބަލްޓޮޕް އެކްސަސައިޒެއް ކުރިއަށް ގެންދާނެ ކަމަށެވެ. މިއީ ހުރިހާ މުއައްސަސާތަައް ގުޅިގެން އަސްލު އެމަޖެންސީ ހާލަތެއްގައި އަމަލު ކުރާގޮތަށް ކުރިއަށްދާ އެކްސަސައިޒެއް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.