ފަސެންޖަރުންނަށް އެއާޕޯޓްތަކުގައި ގްރަންޑް ސާވިސް ދިނުމުގައި މަޝްހޫރު ބައިނަލްއަޤުވާމީ ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އޭވިއޭޝަންގެ ޚިދުމަތް އަންނަ ނޮވެމްބަރ މަހުގެ ފަހުކޮޅު ރާއްޖޭގައި ފަށަން ނިންމާފައިވާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މިހާރު ވެސް 19 ގައުމެއްގެ 47 މަންޒިލެއްގެ ޚިދުމަތް ދެމުން އަންނަ ޔުނިވާސަލް އޭވިއޭޝަން އިން ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ކަސްޓަމާއި އިމިގްރޭޝަންގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ކްރޫ އިންގެ އެކޮމޮޑޭޝަން ހަމަޖައްސައި ދިނުމާއި، ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދިނުމާއި ބެގޭޖް ހޭންޑްލިން ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އޭގެ އިތުރުން ވެސް ބައެއް ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.
ޔުނިވާސަލް އޭވިއޭޝަން އިން ރާއްޖޭގައި ޚިދުމަތް ދޭނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޓްރެވަލް އެޖެންސީ ކަމަށްވާ އިނަ މޯލްޑިވްސް އާއި އެކު ޖޮއިންޓް ވެންޗާއެއް ހަދައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޔުނިވާސަލް އޭވިއޭޝަންގެ ހެޑްކްއާޓާސް ހުންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައެވެ. ނަމަވެސް ރާއްޖޭގެ އެހެން އެއާޕޯޓްތަކުން ވެސް އެކުންފުނީގެ ޚިދުމަތް ލިބޭނެ ކަމަށް ކުންފުންޏާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.
ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާނީ އަބްދުﷲ ގިޔާސް އެވެ. އޭނާ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގައި ޔުނިވާސަލް އޭވިއޭޝަންގެ ޚިދުމަތްތައް ފަށަން ނިންމި އެއް ސަބަބަކީ ކޯޕަރޭޓް ޖެޓްތައް ވަރަށް ގިނައިން ރާއްޖެ އައުމެވެ.
"އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަން. ދެން ފަތުރުވެރިކަމާއި ގުޅިގެން ކޯޕަރޭޓް ޖެޓް ޓްރެފިކް ރާއްޖޭގައި އޮތް މިންވަރު." ގިޔާސް ވިދާޅުވިއެވެ.
ގިޔާސް ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުން ޔުނިވާސަލް އޭވިއޭޝަން އިން ތަމްރީމް ކޮށްފައިވާ ކަމަށާއި ކުންފުނީގެ މިންގަނޑުތަކަށް އެމުވައްޒަފުން ފެތޭނެ ކަމަށެވެ.
އަމިއްލަ ކުންފުންޏެއްގެ އަތްމައްޗަށް ތިޔަފަދަ ކަންކަން ދޫކޮށްލާއިރު ވިސްނާލަންޖެހޭ ކަންކަން ބައިވަރުހުންނާނެ. އެކަމަށް ނުވިސްނައި އަޅާނުލައި ކަޓް ނަގާފައި ތިޔަކަން ދޫކޮށްލައިފިނަމަ ދެން ވާ ގެއްލުން ވަރަށް ބޮޑުވާނެ.