ސްމާޓް ފޯނާއި މެމަރީ ޗިޕް އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސެމްސަންގު ކުންފުނީގެ ފައިދާވެސް، ހިނގަމުން މިދާ 2019 ވަނަ އަހަރުގެ ތެރޭގައި ދަށްވެ، އެކަމުގެ ސަބަބުން ކުންފުންޏަށް ލިބޭ ފައިދާ ދަށްވުމުގެ ވަރަށް ބޮޑު ފުރުޞަތެއް އެބަ އޮތްކަމަށް ހާމަކޮށްފިއެވެ.

ކޮރެޔާގެ މައި ސެމްސަންގު ކުންފުނީގެ ސަބްސިޑަރީ އެއްގެ ގޮތުގައި ހިންގަމުން އަންނަ ސެމްސަންގު އިލެކްޓްރޯނިކްސްގެ ފައިދާ ދަށްވާނެކަމަށް އަންދާޒާ ކުރެވިފައިވާއިރު މިކަމުގެ މައިގަނޑު ސަބަބަކީ ޗައިނާގެ އަރަމުން އަންނަ ކުންފުނިތަކުން، މުޅި ސިނާއަތުގެ ބާޒާރުގައި ފައިތިލަ ސާބިތު ކުރަމުން ދިއުމެވެ.

މި އަހަރު ފައިދާ ދަށްވާނެކަމަށް ބަލާއިރު، 2018 ވަނަ އަހަރުގެ ފަހު ކުއާޓަރުގައިވެސް ކުންފުންޏަށް ލިބުނު ސާފު ފައިދާ ވަނީ 31 އިންސައްތަ ދަށްވެފައެވެ. ސާފު ފައިދާގައި ބޮޑު ވެއްޓުމެއް އައިސްފައިވާއިރު، ކުންފުންޏަށް ލިބުނީ 7.6 ބިލިޔަން ޑޮލަރެވެ.

އެކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފަހު ކުއާޓަރުގައި ފައިދާ ދަށްވުމުގެ އެކި ސަބަބުތައްވާކަމުގައެވެ. އެގޮތުން ވިޔަފާރި ކުރަމުން ދިޔައީ އެންމެ ފަހި މާހައުލެއްގައި ނޫންކަމަށާއި އަދި އިޤުތިޞާދީ އިތުރު އެހެން މައްސަލަތަކެއްވެސް ކުރިމަތިވިކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ، 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް، ޑިމާންޑް ދަށްވާނެކަމަށް ބެލެވޭތީ ފައިދާ ދަށްވާނެކަމަށްވެސް ބުނެފައިވެއެވެ.

މިކަންތައްތައް ހިނގަމުންދާއިރު އައު ޓެކްނޮލޮޖީތައް މި އަހަރުގެ ތެރޭގައި ތަޢާރަފް ކުރާނެކަމަށް ސެމްސަންގުން ބުނެފައިވެއެވެ. ފަށްޖަހާލެވޭ ސްމާޓް ފޯނުތަކާއި ފައިވް-ޖީ އަށް ސަޕޯޓު ކުރާ ފޯނުތައް ނެރޭނެކަން ހާމަކޮށްފައިވާއިރު ބާޒާރުގެ ކަންކަން ރަނގަޅުކޮށް، ވަކި ވަކި ޓާގެޓް ކަސްޓަމަރުންނާ ދިމާއަށް ދާނެކަމަށްވެސް ބުނެފައިވެއެވެ.

ސެމްސަންގުގެ އިތުރުން އެޕަލްގެ އައިފޯނަށް އޮންނަ ޑިމާންޑް ދަށްވެ، އެކުންފުނީގެ ފައިދާވެސް ވަނީ ދަށްވެފައެވެ.