ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އިން ދޭ ޝަރުފުވެރި އެވޯޑް "އެކްސެލެންސް އިން ޓްރައިނިންގ އެންޑް ޑިވެލޮޕްމަންޓް: އޭން އޯވަރއޯލް އެވޯޑް ފޯރ ބެސްޓް ރިސަލްޓްސް ބޭސްޑް ޓްރެއިނިންގ" ބޭންކް އޮފް މޯލްޑިވްސްއަށް ލިބިއްޖެއެވެ.

މި އެވޯޑް ބޭންކަށް ދީފައިވަނީ މުމްބާއީ ގައި ރޭ ބޭއްވުނު 6 ވަނަ ގްލޯބަލް ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ލީޑަރޝިޕް އެވޯޑްސް ހަފްލާގައެވެ.

މި ހަފްލާގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 500 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ.

މި އެވޯޑް ބީއެމްއެލް އަށް ދިނުމުގައި މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ގެންގުޅޭ ސިޔާސަތުތަކާއި އަޅަމުންދާ ފިޔަވަޅުތައް ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ ބޭންކުގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށްޓަކައި ކޮންމެ މަހަކުވެސް ތާވަލްކޮށްގެން ތަމްރީން ދެވެމުންދެއެވެ. އަދި މަސައްކަތްކުރާ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ މުވައްޒަފުންނަށް ހިންގަމުންދާ 'ކިޔަވަމާ' ޕްރޮގްރާމާއި ދާދި ފަހުން ބޭންކިންގ ދާއިރާގެ އިތުރު އިލްމާއި ހުނަރު ބޭނުންވާ ބޭންކުގެ މުވައްޒަފުންނަށާއި އަމިއްލަ ފަރާތްތަކަށް ތައާރަފްކުރި 'ބީއެމްއެލް ރިވެލި' ޕްރޮގްރާމް ފާހަގަކުރެވެއެވެ.

ބީއެމްއެލް އިން ދަނީ މުވައްޒަފުން ބިނާކުރުމަށާއި ރަނގަޅު ކެރިއަރއެއް ހޯދައިދުނުމަށް ބޭނުންވާ ތަމްރީނާއި އެކަމަށް އެކަށޭނެ ވަޒީފާގެ މާހައުލެއް ގާއިމްކޮށްދެމުންނެވެ. އަދި މީގެ އިތުރުން އަލަށް ގްރެޖުއޭޓްވާ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ބީއެމްއެލް ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމްގެ ފުރަތަމަ އަހަރު ބޭންކުން ކުރިއަށް ގެންދަމުންދަނީ ކާމިޔާބުކަމާއެކުގައެވެ.

މި އެވޯޑް ލިބުމާ ގުޅިގެން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ ސަހާ ވަހީދު ވިދާޅުވީ "މި އެވޯޑް ބީއެމްއެލް އަށް ލިބިގެންދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި އެވޯޑުން ދައްކުވައިދެނީ މުވައްޒަފުން ކުރިއެރުވުމަށާ އަދި ދެމެހެއްޓެނެވި ގޮތެއްގައި ތަމްރީނުދިނުމާއި މުވައްޒަފުން ބިނާކުރުމުގައި ބޭންކުން ގެންގުޅެމުންދާ ސިޔާސަތުތައް. ވަޒީފާއަށް އެންމެ އެކަށޭނެ، ހީވާގި އަދި އުފަލާއެކު ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށްޓަކައި މި ފުރުސަތުގައި ހިއުމަން ރިސޯސަސް ޓީމަށާއި ބޭންކުގެ ހުރިހާ މެނޭޖަރުންނަށް ޝުކުރު އަދާކުރަން." ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި ވެސް ހިމެނޭ ކުންފުންޏެކެވެ. ބޭންކުގެ މުވައްޒަފުންގެ ބޮޑު ނިސްބަތަކީ ފަޚްރުވެރިކަމާއެކު މަސައްކަތްކުރަމުން އަންނަ ދިވެހިންނެވެ.

މުވައްޒަފުންގެ ކަންކަމުގައި ބޭންކުން ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުންބިނާކުރުމުގައި ގެންގުޅޭ އުސޫލްތަކާ ގުޅިގެން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް " އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބޭންކް އޮފް މޯލްޑިވްސް އިންވަނީ ޖެހިޖެހިގެން ދެ އަހަރު ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެދުރުބެ

    މުޥައްޒަފުން ބިނާކުރިކުރިހެންވަނީ..............................