ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަކޮށްގެން 50 މިލިއަން ރުފިޔާގެ ލޯނު ސްކީމް ހުޅުވާލަން އިކޮނޮމިކް މިނިސްޓްރީ އިން ތައްޔާރުވެއްޖެއެވެ.

2018 ވަނަ އަހަރުގެ އެސްއެމްއީ ލޯނު ސްކީމާއި ބެހޭ ގޮތުން މީޑިއާތަށް މައުލޫމާތު ދެއްވުމަށް ވެލާނާގޭގެ ކޮންފެރެންސް ރޫމްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެސްއެމްއީ ކޮންސަލްޓެންޓް އަހުމަދު މުމްތާޒް ވިދާޅުވީ މިއަހަރު އެސްއެމްއީ ލޯނުގެ ގޮތުގައި ދައުލަތުން ކަނޑައަޅައިފައި ވަނީ 50 މިލިއަން ރުފިޔާ ކަމަށާއި މިއަހަރުވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް އެސްއެމްއީ ލޯނު ކަނޑައެޅިފައިވާ ފަރާތްތަކަށް ދެވިގެންދާނެ ކަމުގައެވެ.

އަދި އެސްއެމްއީ ލޯނަށް އެދޭ ފޯމް މިމަހުގެ 25 އިން ފެށިގެން އިކޮނޮމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓަރު ތަކުން ލިބެން ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ފޯމު ބަލައިގަންނަން ހަމަޖެހިފައިވަނީ 8 އޭޕްރީލް އިން 12 އޭޕްރިލް ގެ ނިޔަލަށެވެ. އަދި އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިފަހަރުގެ ލޯނަށްވެސް އަންހެނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ޒުވާނުންގެ އިތުރުން ހުރިހާ އުމުރެއްގެ މީހުންނަށް ބައިވެރިވެވޭނެއެވެ.

8 ދާއިރާއަކުން ލޯނު ދެވޭއިރު އާންމު ފަރުދަކަށް އެންމެ ގިނަ އަދަދަކަށް ދެވެނީ 5 ލައްކަ ރުފިޔާއެވެ. އަދި ޕާޓްނަރޝިޕްއެއްނަމަ 5 ލައްކައާއި ހަމައަށް އެސްއެމްއީ ލޯނުގެ ދަށުން ފައިސާ ލިބިގެންދާނެ ކަމުގައިވެސް މުމްތާޒް ވިދާޅުވިއެވެ. އަދި ފާއިތުވި އަހަރުތަކަށް ބަލާއިރު އެސްއެމްއީ ލޯނުތަކަށް ކުރިމަތިލާ މީހުން އިތުރުވެފައިވާކަން ފާހަގަ ކުރަމުން މުމްތާޒް ވިދާޅުވީ އެސްއެމްއީގެ ސަބަބުން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދެވިފައިވާ ކަމުގައެވެ.

" އެސްއެމްއީ ލޯނުގެ ސަބަބުން ޒުވާނުންނަށް މިވަނީ އެތަކެއް ފުރުސަތުތަކެއް ފަހިކޮށްދެވިފަ. އަދި ފާއިތުވި އަހަރުތަކަށް ބަލާއިރު އެސްއެމްއީ ލޯނަށް ކުރިމަތިލާ ފަރާތްތަށް ދަނީ އިތުރުވަމުން. އަދި އެސްއެމްއީގެ ދަށުން ލޯނު ހޯދައިގެން ފަށާފައިވާ އެތަކެއް ވިޔަފާރިއެއް މިއަދު އެބަހުރި" މުމްތާޒް ވިދާޅުވިއެވެ.

އަދި އެސްއެމްއީ ސިސްޓެމެއް ގާއިމް ކުރެވުނީ މިސަރުކާރުގެ ތެރެއިން ކަމަށްވެސް މުމްތާޒް ވިދާޅުވިއެވެ.