2017 ވަނަ އަހަރު އެޗްޑީސީ އާއި އެކު ވެފައިވާ އެއްބަސް ވުމެއްގެ ދަށުން ހުޅުމާލޭގައި ހަދަން ފެށި ޓޫރިސްޓް ހޮޓަލުގެ މަސައްކަތުން އެސްޓީއޯ އަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަމްރު ވިދާޅުވީ، އެ މަސައްކަތް މިއަދާ ހަމައަށް އައިއިރުވެސް ނިމިފައިނުވާ ކަމަށާއި، ގިނަ ކަންތައްތަކެއް ހައްލުކޮށްގެން މެނުވީ ކުރިއަށް ދެވެން ނެތް ކަމަށެވެ. އަމްރު ވަނީ އެ ކުންފުނީގެ ހިއްސާދާރުންނަށް އެ މަސައްކަތާއި ގުޅޭ ގޮތުން ތަފްޞީލްކޮށް މަޢުލޫމާތު ދެއްވާފައެވެ.

"ހުޅުމާލެ ހޮޓަލަކީ 2007 ވަނަ އަހަރު އެޗްޑީސީ އާއި އެކު ވެފައިވާ އެއްބަސް ވުމެއްގެ ދަށުން ފަށައިގެންފައިވާ ޕްރޮޖެކްޓެއް. 2007 ވަނަ އަހަރު މި އެއްބަސްވުމުގައި ސޮއި ކުރީ 25 އަހަރުގެ މުއްދަތަށް. އެ މުއްދަތު ހަމަވާނެ 2033 ވަނަ އަހަރު. ފުރަތަމަ 2007 ވަނަ އަހަރު ސޮއި ކުރެވުނު އެއްބަސް ވުމުގެ ދަށުން އެނދަކަށް އަހަރަކު ދައްކަންޖެހޭނެ 15000 ޑޮލަރު. އެއީ 4.5 މިލިއަން ޑޮލަރު އަހަރަކަށް. ނަމަވެސް އެއީ އިންތިހާއަށް ބޮޑު އަދަކަށްވީމަ، އެކި ފަހަރުމަތިން އެގްރިމެންޓަށް ބަދަލުނެގެވި، އެންމެ ފަހުން 2014 ވަނަ އަހަރު އެއްބަސްވެފައިވަނީ އެނދަކަށް 2500 ޑޮލަރު. އެއީ އަހަރަކު 1.2 މިލިއަން ޑޮލަރު." އަމްރު ވިދާޅުވިއެވެ.

އިތުރަށް އަމްރު ވިދާޅުވީ، އެ ހޮޓާ ހުޅުވުމަށް ތާރީޚްތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރެވުނު ކަމަށާއި، ނަމަވެސް އެތަން ނުނިމި ލަސްވެފައިވާތީ، މާލީގޮތުން ގޮންޖެހުންތައް ދިމާވެފައިވާ ކަމަށެވެ.

"2008 ވަނަ އަހަރު އެސްޓީއޯއިން އެބަވޭ ކާލްސަން ގުރޫޕާއި އެކީގައި ދެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ. އެ އެއްބަސް ވުމަކީ ހޮޓާ ހަދާ ނިމުމަށްފަހު ހޮޓާ ހިންގުމަށްޓަކައި ކާލްސަން ގުރޫޕާއި ހަވާލުކުރުމާއި ގުޅޭ އެއްބަސްވުމަކާއި، ދެވަނަ އެއްބަސްވުމަކީ ހޮޓާ ހަދަމުން ދާ އިރު ކޮންސަލްޓެންސީ އާއި ގުޅިގެން ހަދާފައިވާ ސާރވިސް އެގްރިމެންޓެއް. ހޮޓާ ހުޅުވުމަށްޓަކައި އެކި ފަހަރުމަތިން ތާރީޚްތަކެއް ކަނޑައެޅިފައިވޭ. ފުރަތަމަ ކަނޑައެޅި ތާރީޚަކީ 2010 ވަނަ އަހަރު ހުޅުވާގޮތަށް. އޭގެ ފަހުން 2013 ގައި ހުޅުވާގޮތަށް، އަދި އޭގެފަހުން 2015 ވަހަ އަހަރު ހުޅުވާގޮތަށްވެސް ބަދަލުވި. ނަމަވެސް އެކަން ކުރެވޭގޮތެއް ނުވި. އެހެންކަމުން ތަނުގެ ކުލި އަރަމުން ގޮސް 2018 ޑިސެމްބަރު ނިމުނު އިރު، 5 މިލިއަން ރުފިޔާ އެޗްޑީސީ އަށް ދައްކަން ޖެހިފައިވޭ. އަމްރު ވިދާޅުވިއެވެ.

ހަމައެހެންމެ، 2015 ވަނަ އަހަރު ރައީސް އޮފީހުން ފޮނުވި ސިޓީއެއްގައި އެތަން ވިއްކާލުމަށް އެދިފައިވާ ކަމަށާއި، ނަމަވެސް ވިއްކާލެވޭނެ ގޮތެއް އަދި ހޯދިފައިނުވާ ކަމަށެވެ.

"ފުރަތަމަ ފަށައިގަތް އިރު، ހުޅުމާލޭ ހޮޓާ ބަޖެޓް ކުރެވިފައިވަނީ 60 މިލިއަން ޑިލަރު. 2011 ވަނަ އަހަރު ކޮންސްޓްރަކްޝަން ފަށައިގަނެވުނު. އަދި 2012 ވަނަ އަހަރު އެގްޒިންޓް ބޭންކަކާއި އެކީގައި ލޯން އެގްރިމެންޓެއްގައި ސޮއި ކުރެވުނު. އަދި 2013 ވަނަ އަހަރު ކޮންޓްރެކްޓަރުން އައްޔަނު ކޮށްގެން މަސައްކަތް ބާރަށް ކުރިއަށް ގެންދަން ފެށުނު. އެ ދުވަސް ތަކުގެ ތެރޭގައި ހަމަޖެހުނު ލޯނުގެ ތެރެއިން 10 މިލިއަން ޑޮލަރު ވަނީ ބޭނުންކުރެވިފަ. ނަމަވެސް 55 ޕަސަންޓަށް މަސައްކަތް ނިންމާލާފައިވަނިކޮށް، 2014 ވަނަ އަހަރު އަންނަނީ ސިޓީއެއް ރައީސް އޮފީހުން. އެސްޓީއޯ އިން ހޮޓާ ހިންގުމުގެ ފިޔަފާރި ކޮށްގެން ނުވާނެ ކަމަށް. އެހިސާބުން ފެށިގެން ހޮޓަލުގެ މަސައްކަތް އެއްކޮށް ހުއްޓުނީ. އެހެން ހުއްޓަ 2015 ވަނަ އަނެއްކާވެސް އަންނަނީ ރައީސް އޮފީހުން ސިޓީއެއް. އޭގަ ވަނީ ހޮޓާ ވިއްކާލުމަށް އެދިފަ. މިއަދާ ހަމައަށް އައިއިރު ހުޅުމާލޭ ހޮޓަލަށް ޚަރަދު ކުރެވިފައި އެބަވޭ 42.9 މިލިއަން ޑޮލަރު. އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ، ކުންފުންޏަށް އެ ޕްރޮޖެކްޓްގެ ފަރާތުން ލިބެމުންދާ ގެއްލުން ފޫބެއްދުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، ހިއްސާ ދާރުންނަށް ބޮޑު ފައިސާއެއް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ދެން މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ބޭނުންވީ ހޮޓާ ވިއްކާލަން. ގާތްގަނޑަކަށް 10 ވަރަށް ކުންފުނިން ޝައުޤުވެރިކަން ފާޅު ކުރެއްވި. އަޅުގަނޑުމެން އެބޭފުޅުންނަށް މިހުރިހާ މަޢުލޫމާތެއް ދިނިން. އެ ބޭފުޅުންނަށް އެ މަޢުލޫމާތު ދިނީމަ އެ ބޭފުޅުން ވިދާޅުވީ މި ޕްރޮޖެކްޓާއި އެއްކޮށް ކުރިއަށްދާން ފަސޭހަ ނޫންކަމަށް. މިހާ ދުވަސްވެފަ ހުރީމަ އެތާނގައި ހުރި ތަކެތިވެސް މިހާރު އައުޓް ޑޭޓެޑް ވެފައި ހުރިކަމަށް. އަޅުގަނޑުމެންނަށް އެއްވެސް ބަޔަކާއި އެއްކޮށް ކުރިއަށް ދެވޭ ގޮތެއް ނުވި. ހައްލުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރީމަ. އަމްރު ވިދާޅުވިއެވެ.

2018 ވަނަ އެސްޓީއޯއަށް ލިބުނު އާމްދަނީ އަށް ބަލާ، އެ ކުންފުނީގެ ކޮންމެ ހިއްސާ އަކަށް 58 ރުފިޔާ ބެހުމަށް ވަނީ ނިންމާފައެވެ.