މިދިޔަ މާޗްމަހު އިތިއޮޕިއާގެ ވެރިރަށް އަދިސް އަބަބާއިން ކެންޔާގެ ވެރިރަށް ނައިރޯބީ އަށް ދަތުރުކުރަމުންދިޔަ ބޮއިން ކުންފުނީގެ 737 ވެއްޓި އޭގެން ދަތުރު ކުރި 346 ފަސިންޖަރުން މަރުވެފައިވާއިރު މަރުވި ފަސިންޖަރުންގެ އާއިލާތަކަށް 100 މިލިއަން ޑޮލަރު ދޭން ބޮއިން ކުންފުނިން ނިންމައިފިއެވެ.

ބޯޓް ވެއްޓުމުގެ ހާދިސާ އަށް ފަހު ޗައިނާ އާއި އިންޑޮނީޝިއާގެ ފްލައިޓްތައް އޮޕަރޭޓްކުރާ ފަރާތްތަކުން ވަނީ ބޮއިން ކުންފުނީގެ މި މޮޑެލްގެ ބޯޓުތައް ސަސްޕެންޑްކޮށްފަ އެވެ. އިތިއޮޕިއަން އެއާލައިންސް އާއި ކޭމޭން އެއާވޭސް އިން ވެސް ވަނީ މި ދެ އެއާލައިންގެ 737 މެކްސް 8 އެއާކްރާފްޓް އުދުހުން މަނާކޮށްފަ އެވެ.

ބޮއިން ކުންފުނިން ބުނި ގޮތުގައި މަރުވި ފަސިންޖަރުންގެ އާއިލާތަކަަށް 100 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވަނީ ޗެރިޓީތަށް މެދުވެރިކޮށް ކަމަށެވެ.

އިތިއޮޕިއަން އެއާލައިންސް އަށް ހާދިސާ ދިމާވާން މެދުވެރިވި ސަބަބަކީ ކޮބައިކަން ނިންމަން އަދި މާ އަވަސްކަމުގައި މާހިރުން ބުނި ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައިވެސް ލަޔަން އެއާގެ އެ މޮޑެލްގެ ފްލައިޓެއް ވަނީ ވެއްޓިފައެވެ.

އެ ހާދިސާގައި ފްލައިޓްގައި ތިބި 189 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. 737 މެކްސް 8ގެ ފްލައިޓްތަކަކީ ވަރަށް އާ އެއާކްރާފްޓެކެވެ. އެގޮތުން މި މޮޑެލްގެ އެއާކްރާފްޓްތައް އުދުހުމުގައި ބޭނުންކުރަން ފެށީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިދިޔަ އަހަރު ތެރޭ ހިނގި ދެ ހާދިސާގައި ފްލައިޓް ވެއްޓުނު ސަބަބަކަށް ބޮއިން 737 މެކްސް މަރުކާ ފްލައިޓްގެ މެކޭނިކަލް މައްސަލައެއް ކަމަށް ވެދާނެއެވެ. އެހެންކަމުން ބޮއިން 737 މެކްސް މަރުކާގެ ފްލައިޓްތައް އިތުރަށް ތަހްލީލް ނުކޮށް ވައިގެ ދަތުރުތަކުގައި ބޭނުން ކުރުން ރަނގަޅު ނޫން ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.