ބާޒާރުމަތީގައި ހުރި ފިހާރަތަކުން މާލޭ ބަނދަރުގައި އޮންނަ އޮޑި ދޯނިފަހަރަށް ކޮންމެ ވަގުތަކުވެސް މުދާ އުފުލޭނެކަމަށާއި، މުދާ އުފުލާ ގަޑިތަކަށް ގެނެވުނު ބަދަލުން އެކަމަށް އެއްވެސް ހުރަހެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު "ވަގުތަށް" ވިދާޅުވީ މި ގެނެވުނު ބަދަލުގައި ބާޒާރުމަތީ ފިހާރަތަކުން މާލެ އޮޑި ދޯނިފަހަރަށް މުދާ އުފުލުމަށް ހުރަސް އެޅިފައި ނޯންނާނެ ކަމަށާއި، އެ މަސައްކަތް ބަރާބަރަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"ވަރަށް ސާފުކޮށް މިދަންނަވަނީ ބާޒާރު މަތީގައި ހުރި ފިހާރަތަކުން ބަނދަރުގައި އޮންނަ ދޯނިފަހަރަށް މުދާ އެރުވުމަށް ގަވާއިދުން އެއްވެސް ހުރަހެއް ނޯންނާނެ." ތައުފީޤް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މުދާ އުފުލުމުގެ އުސޫލަށް ބަދަލު ގެންނަވާފައިވަނީ މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުއްލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މި ނޫންވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނީ އިރުއޮއްސި 06:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދު އަދި ޑެލިވަރީގެ ގޮތުގައި ކައްކާ ގޭސް ހެނދުނު 08:30 އިން 11:00 އަށާއި، އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށް އުފުލޭ ގޮތަށެވެ.

މި ބަދަލާއެކު ބާޒާރުމަތީ ފިހާރަކުންވެސް ދުވާލު ދޯނި ފަހަރަށް ޑެލިވަރީ ކުރަމުން ނުދާއިރު، މިކަމުގެ ސަބަބުން ދޯނިފަހަރުގެ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް ބާޒާރުމަތީ ހޯލްސޭލް ފިހާރަތަކުން ދުވާލުގެ ވަގުތުތަކުގައި ޑެލިވަރ ކުރާނަމަ، ރޭގަނޑު އިރާކޮޅުގެ ވަގުތުތަކުގައި ގަވާއިދުން ދުވާލު އުފުލުން މަނާ މުދާތައް ދޯނިތަކަށް ބަރުކުރެވި، ހުރިހާ ފަރާތްތަކަށްވެސް މި ބަދަލުގެ މަންފާ ކުރާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

މިކަންކަމުގެ ސަބަބުން ބޮޑެތި ކަންބޮޑުވުންތަކެއް ދޯނިފަހަރާއި ވިޔަފާރިވެރިން ފާޅުކޮށްފައިވާއިރު، ސަރުކާރުން ބުނެފައިވަނީ މި ބަދަލާއި ގުޅިގެން ދިމާވާ ދަތަތަކާއި ގުޅޭގޮތުން ވިޔަފާރިވެރިންނާ މަޝްވަރާ ކުރަމުންދާ ކަމަށާއި، މިފަދަ ބޮޑެތި ބަދަލުތަކަށް އަހުލުވެރިވުމަށް ވަގުތު ނަގާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުމީހާ

    މާލެ އެކިސަރަހައްދުގައި ހުރި ގުދަން ނުވަތަ ފިހާރަތަކުން މުދާ ލިބިގެން ނޫންގޮތަކަށް ބާޒާރުމަތީ ފިހާރަތަކުން ބޯޓުފަހަރުތަކުގެ މީހުންނަށް ބޭނުންވާ މުދާ ފޯރު ނުދެވޭނެ ވާހަކަ ވަރަށް ހިތާމަޔާއެކު ދަންނަވަން. އަތޮޅުތަކަށް ގެންނަން ޖެހޭ މުދާ ކިހިނެއްބާ ގަނޑުކޮށް މާލޭ އެކި ސަރަޙައްދުތަކުން ބޯޓުފަހަރުތަކަށް ގެންނާނީ... އެވަރުގެ ސްޓޮކަށް ބާޒާރުމަތީގެ ހުރިހާ ފިހާރަތަކަށް ލިބިގެން ނުވޭ– ރައްޔިތުމީހާ

  2. ސަބާހު

    ބާޒާރުމަތީންވެސް އަރުވަންޖެހޭނީ ހަމަ އެގަޑީގަ.. ނޫނީ ކޮބާ އީންސާފު.. އެހެންނޫނަސް އަދީ ހަމަ މުޅީ ސަރަހައްދު ގެ މަގުތައް ޓުރެފީކުޖެހޭނެ ބާޒާރު ފީހާރަތަކުން ދޯންޏައް އުފުލެންޏާ