ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް ބޭންކު ކަމުގައިވާ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން އާންމުންނަށް ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާއިރު، ހިއްސާ ވިއްކުމަށްޓަކައި އެ ބޭންކުގެ އައްޑޫ ސިޓީ ހިތަދޫ ބްރާންޗް މިއަދު ހުޅުވައި ހިއްސާ ގަތުމުގެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ހޮނިހިރު ދުވަހަކީ ބޭންކު ބަންދު ދުވަހެއް ނަމަވެސް، މިއަދު އެމްއައިބީ ހިތަދޫ ބްރާންޗު ހުޅުވަން ނިންމާފައިވަނީ ބޭންކުގެ ޙިއްސާ ގަތުމަށް ހުޅުވާލި ފުރުސަތަށް ގިނަ ބައެއްގެ ތަރުޚީބު ލިބެމުންދާ ދިއުމާއި އެކު ކަސްޓަމަރުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.

މިއަދު ހެނދުނު 10:00 އިން ފަށައިގެން އެމްއައިބީ ހިތަދޫ ބްރާންޗުން މެންދުރު 2:00 އާއި ހަމައަށް ހިއްސާ ގަތުމުގެ އިންތިޒާމް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ. އެ ބޭންކުގެ ހިއްސާދާރަކަށް ވުމަށް ހުޅުވާލި ފުރުސަތުގައި އައްޑޫގެ ގިނަ އަދަދެއްގެ ފަރާތްތަކުންވެސް ދަނީ ބައިވެރިވަމުންނެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އައްޑޫގައި ކުރިޔަށްދަނީ

އެމްއައިބީ އިން ހިއްސާ ވިއްކަން ފަށާފައި ވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. މާދަމާގެ ނިޔަލަށް ހިއްސާ ވިއްކުން ނިންމާލުމަށް ހަމަޖެހިފައިވާއިރު، އެ ބޭންކުން ހިއްސާ ވިއްކަން އިއުލާން ކުރުމާއިއެކު، އާންމު ރައްޔިތުންގެ އިތުރުން ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލްތަކުން ދަނީ ހިއްސާ ގަންނަމުންނެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އައްޑޫގައި ކުރިޔަށްދަނީ

އެމްއައިބީ އިން އާންމުންނަށް ވިއްކަން ހުޅުވާލީ 244 މިލިއަން ރުފިޔާގެ ހިއްސާއެވެ. މިއީ 35 ރުފިޔާގެ މަގުން 6،975،000 (ހަ މިލިއަން ނުވަލައްކަ ހަތްދިހަ ފަސްހާސް) ހިއްސާއެވެ. އެ ބޭންކުގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް މަދުވެގެން ގަނެވޭނީ 20 ހިއްސާ އެވެ. މި އަދަދުގެ ހިއްސާ ގަތުމަށް ހޭދަވާނީ 700 ރުފިޔާ އެވެ. އެއަށް ވުރެ ގިނައިން ގަންނަނަމަ، 10 ހިއްސާގެ މަގުން އިތުރު ކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

އެމްއައިބީ އިން ކަސްޓަމަރަކަށް ހިއްސާ އާއި ބެހޭ މައުލުމާތު ދެނީ

އެމްއައިބީ އިން ވަނީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ހިއްސާ ގަނެވޭނެ ފަސޭހަ ގޮތްތަކެއް، ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަހިކޮށްދީފައެވެ. އެގޮތުން އޮންލައިންކޮށް ހިއްސާ ގަތުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ. އެ ބޭނުންކުން ބުނެފައިވާގޮތުގައި ހިއްސާދާރުންގެ އިތުބާރު ދެމެހެއްޓޭނެހެން ބޭންކުގެ ހިއްސާއެއް ވިއްކާ އަގު ކަނޑައަޅާފައިވަނީ ވަރަށް ބޮޑަށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

އެމްއައިބީން ހިއްސާ ވިއްކުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިނު ވިދާޅުވީ ހިއްސާ ވިއްކައިގެން ލިބޭ ފައިސާ ޚަރަދު ކުރާނީ ހިއްސާދާރުންގެ ލާބައާއި މަންފާ އަށް ކަމަށާއި އެ ކުންފުންޏަކީ 100 އިންސައްތަ ދިވެހި ރައްޔިތުންގެ ބައިވެރިވުން އޮތް، ރައްޔިތުން ހިއްސާވާ ކުންފުންޏަކަށް ހެދުމަށް ބޭނުންވާ ކަމަށެވެ.

އެމްއައިބީ އަކީ އިސްލާމިކް ބޭންކް އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ އާއި ދިވެހި ސަރުކާރު ގުޅިގެން އުފައްދާފައިވާ ބޭންކެކެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި އެމްއައިބީ ރަޖިސްޓްރީ ކޮށް ބޭންކުން އާންމުންނަށް ވިއްކަން ހުޅުވާލާފައިވަނީ ބޭންކުގެ %31 ހިއްސާއެވެ.

2011 ވަނަ އަހަރު އުފެއްދި އެމްއައިބީއަކީ ދުނިޔޭގެ ފެންވަރުގެ އެވޯޑްތައް ޙާސިލް ކުރަމުން އަންނަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ބޭންކެކެވެ. އެ ބޭންކަކީ ސަރުކާރުގެ %25 ޙިއްސާ އާއި އައިސީޑީގެ %70 ހިއްސާ އަދި އަމަނާގެ %5 ހިއްސާވާ ބޭންކެކެވެ.