ބޯޑަށް ނާންގައި 162،000 ޑޮލަރު (2.4 މިލިއަން ރުފިޔާ) ނެގި މައްސަލައެއްގައި އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން ސަސްޕެންޑްކޮށްފި ކަމަށް ބުނެ "މިހާރު" ނޫހުގައި ޝާއިއު ކުރި ޚަބަރު އިސްލާމިކް ބޭންކުން ދޮގުކޮށްފިއެވެ.

ބަންގްލާދޭޝް ބޭފުޅެއް ކަމަށްވާ އެހްތެޝާމް ސަސްޕެންޑް ކޮށްފައިވާކަން "މިހާރު" އަށް ވަނީ ކަށަވަރުވެފައި ކަމަށް އެނޫހުން މިރޭ ބުނެފައި ވެއެވެ. ނަމަވެސް އިސްލާމިކް ބޭންކުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން ސަސްޕެންޑް ކޮށްފައި ނުވާކަން ކަސްޓަމަރުންނާއި ހިއްސާދާރުންނަށް ކަށަވަރުކޮށްދޭ ކަމަށެވެ.

"މިހާރު" ނޫހުގައި ބުނެފައިވާ ގޮތުގައި އެހްތެޝާމަށް ޑޮލަރު ދޫކޮށްފައިވަނީ ބޭންކުގެ އެޗްއާރު އޮފިސަރާއި ޗީފް ފައިނޭންޝަލް އޮފިސަރުގެ ސޮޔާ އެކުގަ އެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރީ ބޯޑަށް ނާންގާ އެމުއާމަލާތް ކުރުމުން ކަމަށް ނޫހުގައި ރިޕޯޓް ކޮށްފައި ވެއެވެ.

2011 ވަނަ އަހަރު ރާއްޖޭގައި ހިދުމަތް ދޭން ފެށި އިސްލާމިކް ބޭންކްގެ އެންމެ ބޮޑު ހިއްސާދާރަކީ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައިސީޑީ) އެވެ. އައިސީޑީގެ %36 ހިއްސާ އިސްލާމިކް ބޭންކްގައި އޮވެއެވެ. ދިވެހި ސަރުކާރުގެ %28 ހިއްސާ އާއި ޕެންޝަން އޮފީހުގެ %10.53 ހިއްސާ އާއި އަމާނާތަކަފުލްގެ %5 ހިއްސާ އިސްލާމިކް ބޭންކްގައި އޮވެއެވެ. އޭގެ އިތުރުން އެބޭންކުން ވަނީ %20.47 ހިއްސާ އާއްމުންނަށް ވިއްކާފައެވެ.