އަހަރީ ފީ ނުދައްކައިގެން 1000 އަށް ވުރެ ގިނަ ކުންފުނި އުވާލަން އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މިކަން ހާމަކޮށް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މިހާރު ވަނީ، އުވާލަން ނިންމާފައިވާ ކުންފުނިތަކުގެ ލިސްޓު އެ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. އެ ލިސްޓުގައި 1200 ކުންފުންޏެއްގެ ނަން ހިމެނެއެވެ.

އުވާލުމަށްޓަކައި އިއުލާނުކޮށްފައިވަނީ 2012 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އަހަރީ ފީ ނުދައްކާ ކުންފުނިތަކެވެ.

އެކުންފުނިތައް އުވާލަން ނިންމާފައިވަނީ ކުންފުނި އުވާލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، ކުންފުނިތައް އުވާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެވެ.

އުވާލަން ނިންމައި ނަން އާންމުކޮށްފައިވާ ކުންފުނިތައް އަލުން ހިންގަން އެދޭނަމަ އަންނަ ނޮވެމްބަރު މަހުގެ 12 ދުވަހުގެ ކުރީން، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު އޮތް ކަމަށް އިކޮނިމިކް މިނިސްޓްރީން ވިދާޅުވެއެވެ.