ނިމިގެން ދިޔަ އަހަރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ސާފު ފައިދާއެއްގެ ގޮތުގައި 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ 4 ކުއާޓާގެ ތަފާސް ހިސާބުތައް އާއްމު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމްރު ވިދާޅުވީ، 2018 ވަނަ އަހާރާއި އަޅައި ބަލާއިރު މިދިޔަ އަހަރު އެ ކުންފުންޏަށް ގިނަ ފައިދާ ތަކެއް ވެފައިވާ ކަމަށެވެ.

"މުޅި ޖުމްލަ ހުރިހާ ކުއާޓަރުތައް އަޅުގަނޑުމެން އެއްކޮށްލުމުން ގާތްގަނޑަކަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ އަޅުގަނޑުމެންނަށް ފައިދާއެއްގެ ގޮތުގައި، 2019 ވަނަ އަހަރު އަޅުގަނޑުމެންނަށް ލިބިފައިވޭ. މި އަދަދަކީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 63 ޕަސެންޓްގެ އިތުރުވުމެއް" އަމްރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބުގެ ތަފްސީލް ކިޔައިދެމުން އެސްޓީއޯގެ ޗީފް ފައިނޭންޝިއަލް އޮފިސާ އަހުމަދު މިހާދު ވިދާޅުވީ، 2018 އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރަކީ ކުންފުންޏަށް އެންމެ ބޮޑު އެއް ކާމިޔާބީ ލިބުނު އަހަރު ކަމަށެވެ. އެގޮތުން ވިޔަފާރި ކޮށްގެން މިދިޔަ އަހަރު 13 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި އޮޕެރޭޓިން ޕްރޮފިޓް 41 ޕަސެންޓް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިޔަފާރި ކޮށްގެން މިދިޔަ އަހަރު އެސްޓިއޯއަށް ވަނީ 153 މިލިއަން ރުފިޔާ ލިބިފައެވެ. އަދި އޮޕެރޭޓިން ޕްރޮފިޓެއްގެ ގޮތުގައި 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ އެސްޓީއޯއަށް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔުންތެރިޔާ

    ޝުކުރިއްޔާ ތަރައްގީގެ ބާނީ ރައީސް ޔާމީން. މަނިކުފާނުގެ ދުރުވިސްނުންފުޅުގެ ސަބަބުން އެސްޓީއޯއާއި އެމްޓީސީސީފަދަ ވަޅުލެވިފައިވާ ކުންފުނިތައް ނަގާ ކޮޅަށްޖެހުމުގެ ނަތީއްޖާ މިއަދު ފެނިގެން މިދަނީ. މަނިކުފާނު އޭރުގަ ކުރެއްވީ ގައުމަށް ނުހަނު ބޭނުންތެރި ކަންތައްތަކެއް. އެކަންތަކުގެ ސަބަބުން އަޅުގަނޑުމެންގެ ދަރީންގެ ދަރިންނަށްވެސް އެކަމުގެ މަންފާކުރާނެ. ޝުކުރިއްޔާ ރައީސް ޔާމީން.

    9
    2