އެޗްއެސްސީ މޯލްޑިވްސް އިން ރާއްޖެ އެތެރެކޮށް، ވިއްކަމުން އަންނަ ބާ 2000 ކޮފީގެ ރަހަ އައްޑޫގެ ރައްޔިތުންނަށް ދައްކާލުމަށް ހާއްސަ އިވެންޓެއް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ސުވަޑައިވް ކެފޭގައި ބާއްވަން ނިންމައިފިއެވެ.

މި އިވެންޓް އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު 16:00 އިން 18:00 އަށް އަދި 20:00 އިން 23:00 އަށެވެ. މި އިވެންޓުގައި ހިލޭ ބާ 2000 ކޮފީގެ ރަހަ ދައްކާލުން އޮންނާނެ އެވެ.

ބާ 2000 ކޮފީއަކީ ދާދި ފަހުން އެޗްއެސްސީން ރާއްޖެއަށް ތައާރަފްކުރި މިހާރު ރާއްޖޭގެ ގިނަ ރެސްޓޯރެންޓްތަކުގައި ބޭނުން ކުރަމުންދާ ދިވެހިންގެ އިތުބާރު ހޯދާފައިވާ ސްލޮވީނިއާގެ އުފެއްދުމެެކެވެ.

މިދިޔަ އޮގަސްޓް މަހު ވަރަށް ގްރޭންޑްކޮށް ބޭއްވި އިވެންޓެއްގައި މި ކޮފީ ރާއްޖެއަށް ތައާރަފްކުރިއިރު، މާލޭގެ ބީ-ހަޓް، އޮއިވަރު ގެލެރީ، ހުޅުމާލޭގެ ރިއޯ ގްރާންޑެގެ އިތުރުން އައްޑޫ ސިޓީ ސުވަދައިވް ކެފޭއިން މިހާރު މި ކޮފީ ލިބެން ހުންނާނެއެވެ. އަދި ބައެއް ރިސޯޓްތަކުގައިވެސް މި ބްރޭންޑްގެ ކޮފީދަނީ ބޭނުން ކުރަމުންނެވެ.

ބާ 2000 ކޮފީގެ ބީންސް އާއި ޕޮޑް ކޮފީވެސް ވިއްކަމުން ދެއެވެ. އެ ބްރޭންޑުގެ ޖުމްލަ 5 ބްލެންޑެއްގެ ކޮފީ މިހާރު ލިބޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ، 'ބާ 2000 އެކްސްޓްރާ'، '2000 ޕްރޮފިއުމަޓޯ ބާ'، 'ބާ 2000 ޑޮލްޗް'، ޓަރަބޭ' ގެ އިތުރުން 'ސުޕްރީމް' އެވެ. މިއިން ކޮންމެ ބްލެންޑަކީވެސް ތަފާތު ޚާއްސަކަމެއް އެކުލެފައިވައިވާ ބްލެންޑްތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ސުވަދައިވްގައި ބާ 2000 ކޮފީ ވިއްކަމުންދާތާ މިހާރު ތިން ވަރަކަށް މަސްވެފައިވާއިރު، ޒުވާނުންގެ މެދުގައި މި ކޮފީ ވަރަށް މަގުބޫލެވެ.