މިދިޔަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކުހުގެ ގޮތުގައި 900 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކުހަކީ ރިސޯޓްތަކާއި ގެސްޓްހައުސް ސިޓީ ހޮޓާތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖޭ ޓެކުހެކެވެ.

ރާއްޖެއިން ފުރަތަމަ ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރު އެވެ. ރާއްޖޭގެ ޓޫރިޒަމް ގާނޫނުގައި ބުނާ ގޮތުން ރާއްޖޭގައި ހިންގާ ޓޫރިސްޓު ހިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން އަތުން ކޮންމެ ދުވަހަކު ބޮލަކަށް ހަ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ގްރީން ފަންޑަށް ވަނީ 915 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ. އަދި އެ ފައިސާގެ ތެރެއިން 372 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރު ނިމުނު އިރު ގްރީން ފަންޑުގައި ބާކީ ހުރީ 542 މިލިއަން ރުފިޔާކަމަށް ވެސް ފިނޭންސްގެ މާލީ ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަބީބު

    ތިޔައީ ރައީސް ޔާމީންގެ ދުރުވިސްނުންފުޅު! މިއަދު ތިޔަ ލިބިގަންނަނީ ރައީސް ޔާމީން އިންދަވައިދެއްވި ގަސްތަކުގެ މޭވާ!