ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓުގައި، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފަރާތުން ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލްގެ ޖާގަތައް ދޫކުރާނެ އުސޫލު ކަނޑައަޅައިފިއެވެ.

އެ އުސޫލުގައިވާގޮތުން އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ދެނީ މިހާރު ވެސް އެ އެކުންފުނިން ހިންގާ ލައުންޖާއި އެއްވަރުގެ ޖާގައެކެވެ. އެއީ 5300 އަކަފޫޓުގެ ޖާގައެކެވެ. އަދި އާ ޓާމިނަލުން އެ ޖާގަ ދެ އަހަރުގެ މުއްދަތަކަށް ދެނީ، މިހާރުގެ ލައުންޖު ހިންގަމުންދާ އަގުގައެވެ. މީގެ އިތުރުން މަންތާ އެއާއަށް ދިނުމަށްވެސް ނިންމާފައި ވަނީ މިހާރުވެސް އޮޕަރޭޝަނަށް އެކަށީގެންވާ ލައުންޖުގެ ޖާގަ ދޫކޮށްފައި ރޭޓަރުގައި ދެ އަހަރަށެވެ.

މީގެ އިތުރުން، ބާކީވާ ލައުންޖްގެ ޖާގަތައް ޓެންޑާ އުސޫލުން ހުޅުވާލަން ވަނީ ނިންމާފައެވެ. އަދި އައިލެންޑް އޭވިއޭޝަނުން މިހާރުން ބޭނުން ކުރަމުންދާ ސީޕްލޭންގެ ޖާގަ މިހާރުވެސް ބޭނުންކުރުމަށް ދީފައިވާއިރު، ދެ އަހަރު ތެރޭގައި ސީޕްލޭން ޓާމިނަލްގެ ފުލް އޮަޕަރޭޝަން އެމްއޭސީއެލް އިން ނަގައި، އެ މަސައްކަތް ކުރިއަށްގެންދިއުމަށްވެސް ނިންމާފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، އެ ސީޕްލޭން ޓާމިނަލްއަކީ އެމްއޭސީއެލް އިން ލޯނެއް ނަގައިގެން ތަރައްގީކޮށްފައިވާ ޓާމިނަލެއް ކަމުން، އެ ޓާމިނަލް ބޭނުންކުރުމާއި ގުޅޭގޮތުން ސަރުކާރުން ގޮތެއް ނިންމައި، އެކަން އެމްއޭސީއެލްގެ ބޯޑާއިވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ސަރުކާރުން ނިންމުންތައް ނިންމުމުގައި ބަލާފައި ވަނީ އެމްއޭސީއެލްއަށް ލިބެންއޮތް އާމްދަނީ އިތުރު ކުރެވޭނެ ގޮތަަކަށް އަމަލު ކުރުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުމަށް ސީޕްލޭން އޮޕަރޭޓްކުރުން މިހާރުވެސް ކުރަމުން ގެންދާ މަސައްކަތަށް މަގުފަހިވާނެ ގޮތަކަށް އަަމަލު ކުރުމަށް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ސީޕްލޭން އޮޕަރޭޓަރުންނަށް، ފުރުސަތު ލިބިގެން ދާނެ ގޮަތަށް އަމަލު ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

ސީ ޕްލޭން ދުއްވާ އެކި ކުންފުނިތަކަށް ވަކިވަކިން ބިން ދޫކޮށްގެން މިހާރު އެމްއޭސީއެލަށް ލިބެނީ އަހަރަކު 2.7 މިލިއަން ޑޮލަރު (41 މިލިއަން ރުފިޔާ) އެވެ.

މިހާރު އެންމެ ގިނަ އަދަދެއްގެ ސީޕްލެއިން އޮޕަރޭޓް ކުރަމުން އަންނަނީ ޓީއެމްއޭ އިންނެވެ. ޓީއެމްއޭގެ އިތުރުން މޯލްޑިވިއަން އާއި މަންޓާ އެއާ އިންވެސް ސީޕްލެއިން އޮޕަރޭޓް ކުރަމުން އަންނަ އިރު، ފްލައިމީ އިންވެސް އެމަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.