ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމަންޓް ފުޅާކޮށް ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް އޭދަފުށީގައި ގާއިމްކޮށްފިއެވެ.

ބީއެމްއެލް އިން ވިދާޅުވީ މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

ބޭންކުން ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އޭދަފުށިގައި ގާއިމްކުރެވުނު އާ ބްރާންޗް ހުޅުވުނީ މިއަދު އެރަށުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގައި ބޭންކުގެ ކަސްޓަމަރުންނާއި އޭދަފުށީގެ ރައްޔިތުންނާއި ވިޔަފާރިވެރިންނާ އަދި އެކި މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ. އޭދަފުށީ ބްރާންޗް ހުޅުވުން ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ އޭޕްރިލް މަހުގެ ބައްދަލުވުން ބާއްވާފައިވަނީ ވެސް އާ ބްރާންޗްގައެވެ.

މިއަދުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ އޭދަފުށީގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި ސެލްފްސަރވިސް ބޭންކިންގ ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އޭދަފުށްޓަކީ ވިޔަފާރި އާއި އިޤްތިސާދި ގޮތުން ބަލާއިރު މިއަތޮޅުގެ މައި ރަށަށްވުމާއެކު މި އިންވެސްޓްމަންޓްތަކުގެ ފައިދާ މި ރަށާ ކައިރި މާޅޮސް، ދަރަވަންދޫ އަދި ދޮންފަނުގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ." ހީލީ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 95 އޭޓީއެމް، 5000 ޕީއޯއެސް މަރޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ހާމަކުރެއެވެ.