ދިރާގުން އެދޭ ދާއިރާތަކުން ސްކޮލަޝިޕްގެ ފުރުސަތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހަޔާ އެޑިއުކޭޝަނުން ކޯޕަރޭޓް ސްކޮލަޝިޕް ދިނުމުގެ އެއް ބައިވެރިއަކީ ދިރާގު ކަމަށާއި ސަރުކާރުން މީހުން ބިނާ ކުރަން ކުރާ މަސައްކަތަށް އެންމެ ބޮޑު އެއްބާރުލުމެއް ދެނީ އެ ކުންފުނިން ކަމަށެވެ.

"ދިރާގުގެ މި މަސައްކަތަކީ ގައުމީ މަސައްކަތެއް. ގައުމަށް މީހުން ބިނާކޮށް ދިނުމުގައި ދިރާގުން ކުރަނީ ވަރަށް މުހިއްމު މަސައްކަތެއް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ މީހުން ދިރާގުގައި މަސައްކަތް ކުރަން މަޖުބޫރު ނުކުރާ ކަން ފާހަގަކުރެވޭ ކަމަށެވެ. އަދި، އެ ޕްރޮގްރާމްްގެ ބައިވެރިންނަށް ދިރާގުގެ ވާދަވެރި ކުންފުނިތަކުގައި މަސައްކަތް ކުރަން ފުރުސަތު ދޭއިރު، އެއީ ވަރަށް މަދު ކުންފުންނަކުން ނޫނީ ނުކުރާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިސްމާއިލް ރަޝީދު، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ--- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މެދު ނުކެނޑި 10 އަހަރު ދިރާގުން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާފައި ވާއިރު، އެ ޕްރޮގްރާމް މެދުވެރިކޮށް 200 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީންކޮށްފައިވެއެވެ. މިއަދު ދަސްވެނިވީ 27 ކުދިންނެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގައި މަސައްކަތް ކުރާ ވަރަށް ގިނަ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެ ޕްރޮގްރާމް ފުރިހަމައަށް އިންތިޒާމްކޮށްފައިވާ ކަމަށެވެ.

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި މީހަކަށް ސެޓްފިކެޓް ހަވާލު ކުރަނީ---- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި ފަހަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ވަރަށް ޑިޖިޓަލްކޮށް ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

"އިންޓާނަލީ ހުރިހާ އެންމެންގެ ވެސް ޕެޝަން އެއް އެބައޮވޭ މި ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހަދަން." އޭނާ ވިދާޅުވިއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރާއި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފެވެ.

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު. ---- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ކުންފުންޏަކުން ހިންގަން ފެށި މި ފަދަ ފުރަތަމަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމަށް މީހުން ކަނޑައެޅީ ހާއްސަ އިންޓަވިއުއެއް ކުރުމަށް ފަހުއެވެ.

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި، ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުމުގެ ގޮތުން ބައިވެރިންނަށް ހާއްސަ ޓްރެއިނިންތަކެއް ކުރިއަށް ގެންދެއެވެ.

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު. ---- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި ޕްރޮގްރާމްގެ ބައިވެރިންނަށް ދިރާގުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބެ އެވެ. އޭގެ ތެރޭގައި، ސޭލްސް އާއި މާކެޓިން، ޕްރޮކިއުމަންޓް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް، ހިއުމަން ރިސޯސަސް، ފައިނޭންސް، އިންފޮމޭޝަން ސިސްޓަމް، ނެޓްވޯކްސް އަދި ކަސްޓަމާ ސޮލިއުޝަންސް ހިމެނެއެވެ.

މި ޕްރޮގްރާމްގައި ހިމެނޭ ކޯސްތަކާއި ޓްރެއިނިންތަކުގެ ތެރޭގައި ސޮފްޓް ސްކިލް ޑިވެލޮޕްމަންޓް ވެސް ހިމެނެއެވެ. އެގޮތުން، އެތިކްސް، ޓައިމް މެނޭޖްމަންޓް، ކޮމިއުނިކޭޝަން ސްކިލްސް އަދި ސީވީ ތައްޔާރު ކުރުމާއި އިންޓަވިއު ސްކިލްސް ފަދަ ކަންކަން ދަސްކޮށްދެއެވެ.

މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނި ދިރާގުން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ބޭއްވީ 2009 ވަނަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފެއިލް

  ހަމައެއްކަމެއް ވެސް ނުވާނެ ކައުންސިލް އިންތިހާބަށް ގުބޯހެއް ދުން ހުޓާލާފަ ފިޔާގެ އަގުހެޔޮ ކުރިއްޔާ މާރަގަޅުވާނެ ގުބޯސަރުކާރު.

 2. މުހައްމަދު

  ދިރާގުން ރައްޔިތުން ދޮވެލި ނޫންތޯ؟

  • ދިރާގު

   ދިރާގުގެ ސީއީއޯ ބަދަލުކުރާކަށް ނުވޭތަ