ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި، އުރީދޫގެ ފުރަތަމަ ޑިޖިޓަލް ސެންޓަރު ހުޅުވައިފިއެވެ.

އެ ޚިދުމަތް ތައާރަފްކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗެއާމަން، ޑޭމިއަން ފިލިޕް ޗަޕެލް އަދި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން އެވެ.

އުރީދޫގެ އިތުރު ޑިޖިޓަލް ސެންޓަރުތައް ހުޅުވުމުގެ ވިސްނުން އެބަހުރި ކަމަށް އެކުންފުނިން ބުނެއެވެ. މިއަދު ހުޅުވި ޑިޖިޓަލް ސެންޓަރުގެ ޚިދުމަތް ލިބޭނީ ސެލްފް ސަރވިސް، ނުވަތަ އަމިއްލަ އަށް ޚިދުމަތް ލިބިގަންނަ އުސޫލުންނެވެ.

އުރީދޫ މޯލްޑިވްސްގެ ޗެއާމަން، ޑޭމިއަން ފިލިޕް ޗަޕެލް އަދި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އުރީދޫ ޑިޖިޓަލް ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި، އުރީދޫގެ ޕްރީޕެއިޑް ސިމް ބައްލަވައިގަނެވޭނެ ކަމަށާ، އެ ސެންޓަރުތައް މެދުވެރިކޮށް 24 ގަޑިއިރު ޚިދުމަތް ލިބިގެން ދާނެ ކަން އުރީދޫއިން ބުނެއެވެ.

އުރީދޫ ޑިޖިޓަލް ސެންޓަރުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ބިލަށް ފައިސާ ދެއްކުމާއި، ސެލްފްސަރވިސް މެދުވެރިކޮށް ސިމް ނެގުން، އެމް ފައިސާ އަށް ފައިސާ ޖަމާކުރުން، ރީޖާޗްގެ ޚިދުމަތް ހިމެނެއެވެ.

އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ނަޖީބް ޙާން ވިދާޅުވީ، ދުވަހުން ދުވަހަށް ޑިޖިޓަލް ވަމުންދާ ދުނިޔެއްގައި، އުރީދޫގެ ކަސްޓަމަރުން ބޭނުންވަނީ އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ކަމަށާ، ކަސްޓަމަރުން ހިތްހަމަ ޖެހޭ ހިދުމަތްތަކެއް ދިނުމަށް އުރީދޫއިން އަބަދުވެސް ވިސްނުން ބަހައްޓަވާ ކަމަށެވެ.

"އުރީދޫ ޑިޖިޓަލް ސެންޓަރ މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފަސޭހަވެގެންދޭ. މިގޮތުން، ބޭނުން ކޮންމެ ވަގުތެއްގައިވެސް އުރީދޫގެ ސިމެއް ބައްލަވައިގަނެ، ރާއްޖޭގެ އެންމެ ފުރިހަމަ 4ޖީ+ ނެޓްވަރކުގައި އަޅުގަނޑުމެން ފޯރުކޮށްދޭ ތަފާތު އަދި އުފެއްދުންތެރި ޚިދުމަތްތައް ބޭނުން ކުރަން ފެށޭނެ." އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

އުރީދޫގެ ޑިޖިޓަލް ސެންޓަރުގައި ހުރި މެޝިނެއް - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އުރީދޫގެ ޚިދުމަތްތައް އިތުރަށް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެގޮތް ފަހިކޮށް ދިނުމަށް އުރީދޫ މޯލްޑިވްސްއިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި އުރީދޫ މޯލްޑިވްސްއިން އުފައްދާފައިވާ ސުޕަރ އެޕް، އުރީދޫ އެޕް މެދުވެރިކޮށް ސައުވީސް ގަޑިއިރުގެ ކަސްޓަމަރ ސާރވިސްގެ ޚިދުމަތުގެ އިތުރުން އެމް-ފައިސާގެ ޚިދުމަތްތައް އަދި އީ ކޮމަރސް ޕްލެޓްފޯރމް، މޫލީގެ ޚިދުމަތްތައްވެސް ލިބިވަޑައިގަންނަވާނެ ކަން އެ ކުންފުނިން ފާހަގަކުރެއެވެ.