ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ދެމުން އަންނަ، އުރީދޫ މޯލްޑިވްސް އިން، އެކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 3.30 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

އުރީދޫއިން މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާ އަކަަށް 3.30 ރުފިޔާ ބަހަން ނިންމި އިރު މިދިޔަ އަހަރު ބަހާފައި ވަނީ 3.22 ރުފިޔާއެވެ. 2019 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 588.6 މިލިއަން ރުފިޔާ އުރީދޫއަށް ލިބުނު އިރު މިއީ 2018 ވަނަ އަހަރާއި އަޅާ އަޅާބަލާއިރު 4% އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން އާންމުން ހިއްސާ އަކީ ޖުމްލަ ހިއްސާގެ 9.5 އިންސައްތައެވެ. އަދި 90.5 އިންސައްތަ އަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާއެވެ.

އުރީދޫ އަހަރީ އާއްމު ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އުރީދޫގެ އެނުއަލް ޖަލްސާގައި ނިންމި އިތުރު ކަންކަމުގެ ތެރޭގައި އުރީދޫ އޮޑިޓް ކުރާނެ ފާމެއްގެ ގޮތުގައި ހަމަޖެއްސީ، ޕްރައިސްވޯޓާ ހައުސް ކޫޕާސް (ޕީޑަބްލިއުސީ) އެވެ. އުރީދޫގެ އޮޑިޓް ފާމަކަށް އެ ކުންފުނި ހަމަޖެއްސީ ޖަލްސާގެ ހިއްސާދާރުންގެ ތާއީދާ އެކުގައި ކަމަށް ވާއިުރ އުރީދޫ އޮޑިޓް ކުރުމުގެ ފީ އަކީ 60،000 ޑޮލަރެވެ.

2019އިގެ ނިޔަލަށް ނިޔަލަށް އުރީދޫގެ ސަބްސްކްރައިބަރުންގެ އަދަދު 400،000 އަށް ވަނީ އަރާފައެވެ. އަދި މިދިޔަ 5 އަހަރު ތެރޭގައި އެކުންފުނީގެ ސަބްސްކްރައިބަރުންގެ އަދަދު އެވްރެޖުކޮށް 6.3 ޕަސެންޓު އިތުރު ވެފައިވާ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

އުރީދޫގެ ހިއްސާގެ ފައިދާ ބަލާނެ ގޮތް ފާސްކުރުމުގެ އިތުރުން، އެ ކުންފުނީގެ ހާއްސަ ގޮތުން ބޭއްވި ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2019 ވަނަ އަހަރުގެ މާލީ ރިޕޯޓް ތަކާއި އޮޑިޓް ރިޕޯޓު ފާސްކޮށްފައިވެއެވެ.