ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދިޔަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ ދިވެހިން ހޭލުންތެރިކުރުވުމުގެ ގޮތުން އުރީދޫގެ ނަންބަރުތަކަށް ގުޅުމުން ރިންގުވުމުގެ ބަދަލުގައި ކޮވިޑް-19 އާ ބެހޭ މައުލޫމާތުގެ މެސެޖް އިވޭ ގޮތަށް ހަދައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އުރީދޫ ކަސްޓަމަރުންނަށް ގުޅުން ރިންގްޓޯންގެ ބަދަލުގައި ކޮވިޑް-19 އާ ގުޅޭ މައުލޫމާތުތައް އިވިގެންދާ ގޮތަށް ހެދީ އާންމުން މި ބައްޔަށް އިތުރަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި ކަމަށެވެ.

ފޯން ރިންގުވުމުގެ ބަދަލުގައި އިވެމުންދާ މެސެޖު ނުވަތަ ނަސޭހަތަކީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކެވެ.

އެގޮތުން އެ މެސެޖްގައި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވެ، ހޭންޑް ސެނިޓައިޒާ ބޭނުން ކުރަން އިރުޝާދު ދީފައިވެއެވެ. ހުން އައިސް، ކެއްސާ ކިނބިހި އަޅާނަމަ، ގޭގައި މަޑުކޮށް މާސްކް ބޭނުން ކުރުމަށް ލަފާދީފައިވެއެވެ. ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށް ޓިޝޫފަދަ ތަކެތި ނުވަތަ އަތުގެ އުޅަނބޮށި ލަނބާލުމަށް ފަހު، އަނގަ އާއި ނޭފަތް ބޭނުން ކުރަން ބުނެފައިވެއެވެ.

ހުމާއި ރޯގާގެ އަލާމަތެއް ހުރެއްޖެނަމަ އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެ މެސެޖްގައި އެދިފައިވެއެވެ. އަދި ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިއުމަށާއި ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް އަމަލު ކުރަން ވެސް މެސެޖްގައި އެދިފައިވެއެވެ.

"މިއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުންދޭ މެސެޖެއް،" އުރީދޫގެ މެސެޖްގައި ބުނެފައިވެއެވެ.

ކޮވިޑް-19 ދުނިޔޭގެ އެކި ހިސާބުތަކުން ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ އެއް ލައްކަ އަށް ވުރެ މައްޗަށް އަރައިފައެވެ. އަދި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4000 އަށް ވުރެ މައްޗަށް އަރައިފައެވެ. ރާއްޖޭގައި މިބަލި ޖެހިފައި ވަނީ އަށް މީހުންނަށެވެ. މީގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދި

    ދިރާގުންވެސް ތިހެންހަދާނަމަ އެންމެގިނަމީހުން ބޭނުންކުރަނީ ދިރާގު

    13
    3
  2. ބޭބެ

    ސާބަހޭ އުރީދޫ! ޚިދުމަތުގެ އަގު ހެޔޮކޮށްލި ޚަބަރު ދާދި އަވަހަށް އިވޭނެކަމަށް އުއްމީދުކުރަން!

    17
    1
  3. Anonymous

    މިޤައުމުގެ ވަލިއްޔުލް އަމްރަށް ވުރެ އުރީދޫވެސް މާރަނގަޅު. މިހާބޮޑު ވަބާއެއް ފެތުރޭ އިރުވެސް ރައީސް މީހާގެ ހިލަމެއް ނެތް. ސޯލިހު އިސްތިއުފާ.

    12
    1
  4. ނަސޭހަތް

    ??

  5. ާއަަައްޔާ

    އޫރިދޫ ވަރަށް ސަޅި