ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި އިކޮނޮމިކް މިނިސްޓްރީގެ ބައެއް ހިދުމަތްތައް ލިބޭ ގޮތް ހަދައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ހިދުމަތްތައް މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޚިދުމަތްތަކަށް އެދުމަށް ހުށަހެޅޭނީ، މި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް beta-business.egov.mv ނުވަތަ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ވިޔަފާރި ނަން ފާސް ކުރުމާއި ވިޔަފާރި ނަން ރަޖިސްޓްރީ ކުރުމާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުން ފަދަ ކަންކަން ހިމެނެއެވެ.

މީގެއިތުރުން ލޯގޯ ރަޖިސްޓްރީ ކުރުމާއި ސީލް ރަޖިސްޓްރީކުރުމާއި ޓްރޭޑްމާކް ރަޖިސްޓްރީ ކުރުމާއި ވިޔަފާރި ޙަރަކާތް ރަޖިސްޓަރީ ކުރެވޭނެ ކަމަށް އިއުލާންގައިވެއެވެ.

ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް މިނިސްޓްރީގެ ލައިވް ޗެޓް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށް އިއުލާންގައިވެއެވެ.