ރާއްޖޭގައި ޓޫރިޒަމް ދާއިރާގެ އިސްވެރިންގެ ބައިވެރިވެރިވުމާއެކު ބާއްވާ "ޓީޓީއެމް ހޮޓެލިއާ ސަމިޓް" މާދަމާ ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ފަށަން ތައްޔާރުވެއްޖެއެވެ.

މިއީ މޯލްޑިވްސް ގެޓަވޭސް އިން އިންތިޒާމުކޮށްގެން ބާއްވާ ފެއާ އެކެވެ. މި ފެއާ އޮންނާނީ މާދަމާ ހެނދުނު 9:00 އިން މެންދުރު 13:00 އަށް ބަނޑޮހުގައެވެ.

ހޮޓެލިއާ ސަމިޓަކީ ޓޫރިޒަމް ދާއިރާގެ ފަރާތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ބައްދަލުކުރާ ޕްލެޓްފޯމެކެވެ. މި ސަމިޓުގައި ހަތަރު ޕެނަލް ޑިސްކަޝަންއެއް ކުރިއަށްދާނެއެވެ.

މި ސަމިޓް ތެރެއިން ކްރައުން ކޮމްޕެނީގެ ޑައިރެކްޓަރ އަދި މަޓީގެ ސެކެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ފަތުރުވެރިކަމުގެ އިންޑަސްޓްރީއާ ގުޅޭގޮތުން ވާހަކަދައްކަވާނެއެވެ. އަދި އެއަށްފަހު ޕްލެޓިނަމް ޕާޓްނަރ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވެސް ވާހަކަދައްކަވާނެއެވެ.

މި ސަމިޓަށް ރިސޯޓް ތަކުގެ ވެރިންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން، އިންޓަނޭޝަނަލް ޓްރެވެލް ޓްރޭޑް ސްޓޭކް ހޯލްޑަރުންނާއި، ޓްރެވަލް އިންޑަސްޓްރީގެ ޕްރޮފެޝަނަލުން ބައިވެރިވާނެއެވެ. އެގޮތުން 100 އަށްވުރެ ގިނަ ޖެނެރަލް މެނޭޖަރުންނާއި، ކަމާ ގުޅޭ އިންޑަސްޓްރީގެ އެކްސްޕާޓުން މި ސަމިޓްގައި ބައިވެރިވާނެއެވެ.

އޭގެ އިތުރުން މި ސަމިޓްގައި ބައިވެރިވާ އިންޓަނޭޝަލް ބޮޑީސްތަކުގެ ތެރޭގައި، އެކްސްޕީޑިއާ، ބުކިންގ ޑޮޓްކޮމް، އެއާއޭޝިއާ، ލޯންލީ ޕްލެނެޓް، ޓީޓީޖީ އޭޝިއާ، މަޓީ، މަޓާޓޯ، ޓުއަރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ ފަދަ ތަންތަން ހިމެނެއެވެ.