ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ޔޫއޭއީގެ އެޕަލް ސްޓޯރުތައް އަލުން ހުޅުވާލަން އެ ކުންފުނިން ނިންމައިފިއެވެ.

އެޕަލް ކުންފުނީގެ ތަރުޖަމާނަކު މިކަން ހާމަކޮށް ނޫސްތަކުގައި ބުނެފައި ވަނީ، ޔޫއޭއީގައި އެ ކުންފުނިން ހިންގާ ތިން ސްޓޯރެއް ހުޅުވާލަން މިހާރު ތައްޔާރުވެފައިވާ ކަމަށާއި، ކަސްޓަމަރުންނަށް ކުރިއެކޭވެސް އެއްފަދައިން ވިޔަފާރި ކުރުމުގެ ފުރުސަތު، ސްޓޯރުތައް ހުޅުވާލުމާއެކު ލިބިގެންދާނެ ކަމަށެވެ.

އެޕަލް ސްޓޯރުގެ ތިން ގޮތްޕެއް ޔޫއޭއީގައި ހިންގަމުން ދެއެވެ. އޭގެތެރޭގައި ދުބާއީގެ ދެ ސްޓޯރަކާއި އަބޫދާބީގައި ހިންގާ ސްޓޯރެއް ހިމެނެއެވެ. މި ތިން ސްޓޯރުވެސް ހުޅުވާލުމަށް އެޕަލް އިން ވަނީ ނިންމާފައެވެ. އެ ކުންފުނިން ބުނެފައިވާގޮތުން ޖޫން 8 ވަނަ ދުވަހުން ފެށިގެން ސްޓޯރުތަކުން ޚިދުމަތްދެމުންދާނެއެވެ.

ކޮވިޑް-19 އަށްފަހު ޔޫއޭއީގެ އެޕަލް ސްޓޯރުތައް ހުޅުވާލާއިރު، އެ ސްޓޯރުތަކަށްދާ ކަސްޓަމަރުން ރައްކާތެރިކަމުގެ ކަންކަމަށް ސަމާލުކަންދިނުމަށް އަންގާފައި ވެއެވެ. އެގޮތުން ގައިދުރުކޮށް ތިބުމާއެކު މޫނު ނިވާކޮށްގެން ތިބެން ޖެހޭ ގޮތަށް ޤަވާއިދެއް ހަދާފައި ވެއެވެ.

އެޕަލް އިން ބުނެފައިވާ ގޮތުން ޔޫއޭއީގެ ސްޓޯރުތައް ހުޅުވާލާއިރު މާސްކު ނުގެންދާ ކަސްޓަމަރުންނަށް ކޮންމެ ސްޓޯރަކުންވެސް މާސްކު ދޭނެއެވެ. މީގެ އިތުރުން ސްޓޯރުތަކަށް ވަންނަ ކޮންމެ ކަސްޓަމަރެއްގެ ވެސް ހަށިގަނޑުގެ ފިނިހޫނުމިން ބަލައި، ހުން ހުރިތޯ ބެލުމަށް ނިންމާފައި ވެއެވެ.

ޔޫއޭއީގެ ސްޓޯރުތަކުގެ އިތުރުންވެސް ދުނިޔޭގެ އެހެން ހިސާބުތަކުގައި އެޕަލް އިން ހިންގާ ސްޓޯރުތައް ހުޅުވުމަށް ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އެ ކުންފުނިން ބުނާގޮތުން ސްޓޯރު ހުޅުވައި އަލުން ޚިދުމަތްދެނީ އެ ސްޓޯރުތައް ހުންނަ ސަރަޙައްދުތަކުގައި ބަލި އޮތް މިންވަރަށް ބެލުމަށްފަހު އެވެ.