ވީބީ މާޓުން މިހާރު އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ވީބީ އިން ވަނީ އެކުންފުނީގެ ވެބްސައިޓް މިހާރު ލޯންޗްކޮށްފައެވެ.

ވީބީގެ އޮފިޝަލަކު ވަގުތަށް ވިދާޅުވީ، ވީބީގެ ވެބްސައިޓް މެދުވެރިކޮށް ވީބީގެ ފިހާރަތަކުން ލިބެން ހުރި ހުރިހާ އެއްޗެއް ލިބޭނެކަމަށެވެ.

އަދި ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތުމާއި އެކު އޮންލައިންކޮށް ވިޔަފާރިކުރުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތްކަން އޭނާ ފާހަަގަކުރެއްވިއެވެ.

"މި ދުވަސްވަރު އެންމެ ރަނގަޅީ ގޭގައި ތިބެގެން ވިޔަފާރިކުރުން. އާއްމުކޮށް ވީބީގެ ފިހާރަތަކުން ލިބިވަޑައިގަންނަވާ ހުރިހާ ބާވަތެއްގެ މުދާ ލިބިވަޑައިގަންނަވާނެ. އޮންލައިން ގްރޮސަރީ ޚިދުމަތްތަކަކީ ބޭރު ގައުމުތަކުގައި ވެސް ވަރަށް ބޮޑަށް މަގްބޫލު ކަމެއް ހޯދާފައިވާ ކަމަކަށް ވާއިރު އަޅުގަނޑުމެންގެ ވެސް އުންމީދަކީ އަދި އަޒުމަކީ ވީބީގެ ކަސްޓަމަރުންނަށް މިކަމުގައި ބޮޑެތި ފަސޭހަތަކެއްވެ ކަސްޓަމަރުން ބަލައިގަންނަ ފުރިހަމަ ޚިދުމަތެއް ދިނުން ." އޮފިޝަލް ވިދާޅުވިއެވެ.

ވީބީމާޓޫން ބުނީ ކޮންމެ ދުވަހެއްގެ މެންދަމު 00:00އިން ފެށިގެން ރޭގަނޑު 20:00 އާއި ހަމައަށް ޑެލިވަރީއަށް ބެނުންވާ ސްލޮޓް ޚިޔާރުކުރެއްވޭނެކަމަށެވެ.

އަދި އެ ދުވަހަކު ކުރާ އޯޑަރތައް އެ ދުވަހަކު ޑެލިވަރކޮށްދޭނެ ކަމަށް ވެސް ވީބީ މާޓުން ވަނީ ބުނެފައެވެ.

ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް ފިހާރައަށް ނުގޮސް ގޭގައި ތިބެގެން ތަކެތި ގަތުމަށް ވީބީއިން ވަނީ މީގެ ކުރިންވެސް އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 މާލެއިން ފެނުމުން މާލެ ފުރަބަންދުކުރުމާއި އެކު ޑެލިވަރީގެ ޚިދުމަތަށްް އެންމެ ބާރުބޮޑުވެގެން ދިޔަ އެއް ތަނަކީ ވީބީއެވެ.

ކޮވިޑް-19 އާ ގުޅިގެން ވީބީ ބްރަދާސްގެ ފިހާރަތައް ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން އެ ކުންފުނީގެ ފިހާރަތައް ޑިސްއިންފެކްޓްކުރުމުގެ އިތުރުން، އެ ފިހާރައަށް ދާ ކަސްޓަމަރުންގެ ޓެމްޕަރޭޗަރ ޗެކް ކުރުމުގެ ކަންކަންވެސް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

ވީބީގެ ފިހާރަތަކުންވެސް ޑެލިވަރީ ހިދުމަތްތައް ދެމުންދާއިރު، 200 ރުފިޔާއަށްވުރެ މަތިން އޯޑަރު ކުރާ ކޮންމެ މީހެއްގެ ގޭގެ ދޮރާއްޓާއި ހަމައަށް އޯޑަރު ކުރި ތަކެތި ގެންގޮސްދޭނެ ކަމަށް ވީބީން ބުނެއެވެ.