ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން މިިދިޔަ ޖުލައި މަހުގެ 15 ދުވަހު ހުޅުވާލިފަހުން، މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ 30 ޖެޓް ކަމަށް އެ އެއާޕޯޓް ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް، އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ބޯޑަރު ހުޅުވާލި ފަހުން ޖުލައި މަހުގެ ނިޔަަލަށް ރާއްޖެ އައިސްފައި ވަނީ، 1769 ފަތުރުވެރިންނެވެ.

ވެލާާނާ އެއާޕޯޓަކީ ގިނަ އަދަދެއްގެ ޖެޓްތައް ޖައްސާ އެއާޕޯޓެއް ނަމަވެސް، ކޮވިޑް-19 އާ ހެެދި އެ އެއާޕޯޓަށް ޖެޓްތައް ޖެއްސި އަދަދު މި ވަނީ ވަރަށް ބޮޑަށް މަދުވެފައެެވެ. މިއީ އެހެން އަހަރުތަކާއި އަޅާބަލާއިރު، ވަރަށް ބޮޑަށް މަދު އަދަދެކެވެ.

ރާއްޖޭގައި ދެން ޖެޓްތައް ޖައްސާ އެއާޕޯޓަކީ އައިލެންޑް އޭވިއޭޝަނުން ހިންގަމުން އަންނަ މާފަރު އެއާޕޯޓެެވެ. ބޯޑަރު ހުޅުވާލި ފަހުން އެ އެއާޕޯޓަށް ޖައްސާފައި ވަނީ ނުވަ ޖެޓެވެ. އޭގެން އައި ފަތުރުވެރިންގެ އަދަދަކީ 89 އެވެ. މީގެ ތެރެއިން މިހާރު 19 ފަތުރުވެރިން ވަނީ އަނބުރާ ގައުމަށް ގޮސްފައެެވެ.

މާފަރު އެއާޕޯޓުގައި ޖެޓެއް ޖައްސާފައި -ފޮޓޯ: އައިލެންޑް އޭވިއޭޝަން

ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ، އިނގިރޭސިވިލާތުންނެވެ.

ރާއްޖެ އަންނަ ފަތުރުވެރިން މަދުވެފައި ވީނަމަވެސް ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ސީޒަން ކަމުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، މި ދެ އެއާޕޯޓަށް ޖައްސާ ޖެޓްތަކުގެ އަދަދުތައް އިތުރުވެގެން ދާާނެ ކަމަށް ބެލެވެއެވެ.

ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ހަތް ފަތުރުވެރިއެކެވެ.