މި ހިނގާ އޮކްޓޯބަރު މަސް ތެރޭގައި އިތުރު ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށަން ތައްޔާރުވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން، ރާއްޖެއަށް ދަތުރުކުރާ އިންޓަނޭޝަނަލް އެއާލައިންތަކުގެ ދަތުރުތައް އިތުރުވެފައިވާ ކަމަށެވެ. އަދި މި މަސް ތެރޭގައި ބްރިޓިޝް އެއާވޭސްއާއި، ލުފްތަންސާ އަދި ފްލައި ދުބާއީން ރާއްޖެއަށް އަލުން ދަތުރުތައް ފަށާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. މީގެ ތެރެއިން ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށީ އިއްޔެ އެވެ.

ސެޕްޓެމްބަރު މަސް ތެރޭގައި ރާއްޖެއަށް 10 އިންޓަނޭޝަނަލް އެއާލައިނުން ދަތުރުތައްކޮށްފައި ވެއެވެ. އޭގެ ތެެރޭގައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިމެނެއެވެ. މީގެ ތެރެއިން ގަތަރް އާއި ސްރީލަންކަން ވަނީ ސެޕްޓެމްބަރު މަސް ތެރޭގައި ރާއްޖެއަށް 60 ފަހަރަށް ދަތުރު ކޮށްފައެވެ.

އަދި ސެޕްޓެމްބަރު މަސް ތެރޭގައި ގަތަރް އެއާލައިނުން ރާއްޖެއަށް 4566 ފަތުރުވެރިން ގެނެސްފައިވާއިރު، އެމިރޭޓްސް އިން ރާއްޖެއަށް 4058 ފަތުރުވެރިން ގެނެސްފައި ވެއެވެ.

ކޮވިޑް-19 އާ ހެދި ރާއްޖެ ބަންދު ކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް މަދުވެފައިވީ ނަމަވެސް، އެ އަދަދު އިތުރު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ދާދި ފަހުން ވަނީ މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ގެސްޓްހައުސްތައް ހުޅުވައި ހިދުމަތް ދޭން ހުއްދަ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު