މާލެ ސަރަހައްދުން މިއަދު ކަރަންޓުގެ ހިދުމަތް ކެނޑުމާ ގުޅިގެން ދިމާވެފައިވާ ބައެއް ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ދިރާގުގެ މޯބައިލް ހިދުމަތް ހޯދަމުން އަންނަ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއަދު ހެނދުނު އަށެއް ޖަހާކައަށް ހާއިރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިގެން ދިޔައެވެ. އޭގެ ފަހުން ސްޓެލްކޯގެ ކަރަންޓު ވިއުގައަށް ދިމާވި އެކި މައްސަލަތަކާ ހުރެ މުޅި މާލެއިން ކަރަންޓު ލިބި ކެނޑެމުން ގޮސްފައިވެއެވެ. މުޅި މާލެއިން ކަރަންޓު ކެނޑިފައި ހުރިތާ ވެސް ގަޑިއިރުތަކެއް ފަހުން ކަރަންޓުގެ ހިދުމަތް ލިބުނީ ގާތްގަނޑަކަށް މެންދުރު ވުމުންނެވެ.

މާލެ ސަރަހައްދުން ކަރަންޓު ކެނޑުމުގެ ކަންކަން ދިމާވެފައިވަނިކޮށް ދިރާގުން ބުނީ އެ ކުންފުނީގެ މޯބައިލް ސެލް ސައިޓްތައް މިހާރު އޮޕަރޭޓް ކުރަމުން ދަނީ ވެސް ބެކަޕް ބެޓެރިއެއް މެދުވެރިކޮށް ކަމަށެވެ.

އެހެންވިޔަސް ގިނަ ވަގުތުތަކެއް ވަންދެން ކަރަންޓު ކެނޑިކެނޑިގެން ގޮސްފައިވުމުގެ ސަބަބުން ސެލް ސައިޓްތައް ފެއިލްވުން އެކަށީގެންވާ ކަމަށާއި އެހެންކަމުން މާލޭގައި އުޅޭ ދިރާގު މޯބައިލް ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް ދިރާގުން ބުނެއެވެ.

އެކި ފަހަރު މަތިން ކަރަންޓު ލިބި ކެނޑެމުން ދިޔުމުގެ ސަބަބުން ބައެއް ގޭބިސީތަކުގެ ކަރަންޓުގެ އާލާތްތަކާއި ހިފާ ގެންގުޅޭ ބައެއް ސާމާނުތަކަށް ގެއްލުން ލިބިފައިވާ ކަމުގެ ޝަކުވާތައް ވެސް މީސް މީޑިއާގައި އާންމުން ހިއްސާކޮށްފައިވެއެވެ.

މެންދުރެއްހާ އިރު ކަރަންޓުގެ ހިދުމަތް ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދެވެން ފެށުމުން ސްޓެލްކޯއިން ބުނެފައިވަނީ ދިމާވި ހުރިހާ މައްސަލައެއް މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.