ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޯރުކޮށްދޭ އިންޓަނެޓް ބޭންކިންއާއި މޯބައިލް ބޭންކިންގެ އޮންލައިން ހިދުމަތްތައް ހޯދުމުގައި ދަތިތައް ދިމާވުން އެކަށީގެންވާ ކަމަށް އެ ބޭންކްއިން ބުނެފިއެވެ.

ބީއެމްއެލް އިން މިހެން ބުނެފައިވަނީ މިއަދު ހެނދުނު މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ދޭތެރެ ދޭތެރެއިން ކެނޑުމުން އެކި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބުރޫއު އަރާފައިވަނިކޮށެވެ.

ބީއެމްއެލްއިން ކުރި ޓްވީޓެއްގައި ބުނީ އިންޓަނެޓް ބޭންކިންއާއި ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަންގެ ހިދުމަތްތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވުން އެކަށީގެންވާ ދިމާވި ބައެއް ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށް އެ ޓްވީޓްގައިވެއެވެ.

މިއަދު ހެނދުނު އަށެއް ޖަހާކައަށް ހާއިރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިގެން ދިޔައީ ސްޓެލްކޯގެ އިންޖީނުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެއެވެ.

އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިންތާ އިރުތަކެއް ނުވެ ސްޓެލްކޯގެ ކަރަންޓުގެ ވިއުގައަށް ދިމާވި މައްސަލަތަކާ ހުރެ މުޅި މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑި، ލިބި، އަލުން ކެނޑެމުން ދިޔައެވެ. މުޅި މާލެއިން ކަރަންޓު ކެނޑިފައި ހުރިތާ ވެސް އިރުތަކެއް ފަހުން ކަރަންޓުގެ ހިދުމަތް ލިބުނީ މެންދުރު ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ގ

  ކިހާ ދެރަކަމެއް....

  8
  1
 2. އެކަމަކުދޯ

  އެބުނީ ރަނގަޅުވާހަކައެއް ކަރަންޓު ކެނޑިފާހުރިއިރުވެސް ހުރިހާ ބޮތްކެއްހުރީދިއްލިފަ ފަންކާތައްވެސް އެނބުރޭ!

  4
  1
 3. މާރިޔާ

  ކަރަންޓު ކެނޑިފަ ހުރި އިރުވެސް މީޓަރު އެނބުރޭ ބާރުމިނުގަ އެނބުރޭ.

  3
  1
 4. އެމަންޖެ

  އިންޓަނެޓް ބޭންކިންއާއި މޯބައިލް ބޭންކިންގެ ހިދުމަތަށް ބުރޫއު އަރާފާނެ ކަމައް ވިދާޅު ނުވޭ މިހާރު ކަރަންޓު ލިބުން ފަހުންވެސް 8 ގަޑިއިރު ތިޔަ އެއްވެސް ހިދުމަތެއް އަދި ނުލިބޭ...ރަނގަޅު ވައްކަމެއް ކޮއްލީ ނޫންބާ އެނެއްކަ.