(ފުވައްމުލައް ސިޓީ) މީގެ 15 އަހަރު ކުރިން ނަމަ، ހުނި ގާނަނީ ހުނިގޮނޑިންނެވެ. ތެޔޮ ކައްކަނީ އަލިފާން ބޭނުންކޮށްގެންނެވެ. ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކާށިތެޔޮ އުފެއްދުމަކީ ކުރިން ނަމަ، ވަރަށް ބުރަ އަދި ކުރާ ހިތުން ނޫނީ ނުކުރެވޭނެ ފަދަ މަސައްކަތެކެވެ. އެކަމަކު، ޒަމާނާ އެއްގޮތަށް ކަންކަން ބަދަލުވާ އުސޫލުން ފުވައްމުލަކުގައި މި މަސައްކަތް ކުރާ މީހުން ވެސް މިކަން ކުރުމަށް މެޝިންތައް ހޯދައި ފަސޭހަ ގޮތް އިހްތިޔާރު ކުރީއެވެ. މިއަދު އެމީހުންނަކީ ރަށުގައި ފާހަގަކޮށްލެވޭ ބައެކެވެ. ރަށުގައި މިހާރު ހިންގަނީ ކާށިތެޔޮ އުފައްދާ "ފެކްޓަރީ"އެކެވެ.

އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް ކާށި ތެޔޮ އުފައްދާ އިރު، މި ތެޔޮ މިހާރު ވެސް ބޭނުން ކުރަމުންދާ މީހުން ބުނަނީ މިއީ ވަރަށް ފެންވަރުގެ ތެލެއް ކަމަށެވެ. އެއްފަސްގަނޑެއްގެ ގޮތުގައި ޒަމާންތަކެއް ވަން ދެން އޮތް ފުވައްމުލަކުގައި ހުންނަ މި ފެކްޓަރީން އުފައްދާ އެ ތެލަކީ މި ސިޓީއަށާއި ދެކުނުގެ އަތޮޅުތަކުގައި މަގްބޫލް ތެލެކެވެ. ސިއްހީ އެތައް ކަމެއްގެ ޝިފާއެއް ކަމަށް މި ތެޔޮ އުފައްދާ މީހުން ގަބޫލު ކުރެއެވެ. މި ތެލުގެ ނަތީޖާ ވެސް ފެންނަން އެބަހުއްޓެވެ.

ފެކްޓަރީގައި ކާށިތެޔޮ އަޅާފައި ހުރި ގިނަ އަދަދެއްގެ ފުޅިތައް ފެންނާން ހުއްޓެވެ. ދެ ސައިޒެއްގެ ފުޅިތައް ހުއްޓެވެ. ކުޑަ ސައިޒަކާއި ބޮޑު ސައިޒެއްގެ ފުޅިތަކެކެވެ.

ކާށިތެޔޮ ހެދުމުގައި 15 އަހަރު!

ރައުޟާގެ އާއިލީ މި ވިޔަފާރީގައި އެންމެ އިސްކޮށް އުޅޭ އަހުމަދު ފާރޫގް، 63، އޭނާ ބުނި ގޮތުގައި، މިއީ އެ އާއިލާއިން މީގެ 15 އަހަރު ކުރިން ފެށި މަސައްކަތެކެވެ.

ފުވައްމުލައް ކާށިތެޔޮ އުފައްދާ ފެކްޓްރީގެ ވެރިޔާ "ވަގުުތު"އަށް އިންޓަވިއު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މީގެ 15 އަހަރު ކުރިން، އެންމެ ފުރަތަމަ ވިޔަފާރި ފެށިއިރު މަސައްކަތް ކުރަމުން ޖެހުނީ ވަރަށް ބުރަކޮށް ކަން ފާރޫގް ފާހަގަކުރިއެވެ. ހުނި ގާނަނީ ހުނިގޮނޑިންނެވެ. ތެޔޮ ކައްކަމުން ދިޔައީ އަލިފާނުންނެވެ. ކާށިތެޔޮ އެ ގޮތުގައި އެތައް އަހަރެއް ވަންދެން ކައްކަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

"ޒަމާނާ އެއްގޮތަށް ބަދަލު ކުރަން ވެގެން، މެޝިނަށް ބަދަލު ކުރި ފަހުން، އަޅުގަނޑާއި އަޅުގަނޑުގެ މިހާރުގެ އަންހެނުންނާއި، ދިވެހި ދެ މުވައްޒަފުންނާއި، ބަންގްލަދޭޝް މުވައްޒަފަކު ލައިގެން މި މަސައްކަތް ކުރިއަށް މި ގެންދަނީ، ކުރީގެ އަންހެނުން މިހާރު ވަނީ ނިޔާވެފައި،" ފާރޫގްގެ ވިޔަފާރި ފުޅާވަމުން އައި ގޮތް ތަފްސީލްކޮށްދިނެވެ.

ކާށިތެޔޮ އުފެއްދުމުގެ މަސައްކަތުގައި އާއިލާގެ އެންމެންގެ ބައިވެރިވުން އޮވޭ - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ މަސައްކަތަށް މިހާތަނަށް އައި އިރު، އަށް ލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާ އިންވެސްޓް ކޮށްފައިވެއެވެ. ހަތަރު ލައްކަ ރުފިޔާ ހޭދަކޮށްފައި ވަނީ މެޝިންތައް ގަތުމަށެވެ. އަދި އިމާރާތާއެކު އަށް ލައްކަ ރުފިޔާ ހޭދަކޮށްފިއެވެ.

އެ މީހުން ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ އަލިފާން ބޭނުން ކޮށްގެން ކަމުން، އެންމެ ރަނގަޅު ޕްރޮޑަކްޓް ނެރުމަށް ދުވަސް ނަގައެވެ. އަދި އެންމެ ބޭނުންވާ ގޮތަކަށް ތެޔޮ ތައްޔާރު ނުކުރެވޭ ފަހަރު ވެސް އާދެއެވެ. އެ މީހުން އަލިފާނުން އެ މަސައްކަތް ކުރާތާ 14 އަހަރުވީ އިރު، މެޝިންގެ އެހީއާއެކު މަސައްކަތަށް ވަރަށް ބޮޑަށް ލުއިވެއްޖެއެވެ.

ބްރޭންޑް ނަމަކީ ކައިޝިއެފްވީއެމް!

މި މަސައްކަތް ފުރަތަމަ ފެށިގެން އައީ ފާގަމިން އިންވެސްޓެމެންޓްގެ ނަމުގައެވެ. އެ ކުންފުނި ފަހުން ރީބްރޭންޑްވެ ބަދަލުވީ ކައިޝިއެފްވީއެމްއަށެވެ. ވިޔަފާރި ރަޖިސްޓްރީކޮށް ވެބްސައިޓެއް ހަދައި އެންމެ ފަހުން، ފޭސްބުކް ޕޭޖެއް ހުޅުވައިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް ކޮވިޑް-19 އައި އިރު، އެ ކުންފުނިން ވަނީ ހުރިހާ މެޝިންއެއް ބަހައްޓައިފައެވެ. ނަމަވެސް ކޮވިޑް-19 އާ ހެދި މާކެޓް ލިބުން ދަތިވިއެވެ. އަދި ތެޔޮ އުފެއްދުން ހުއްޓުމަކަށް އައެވެ.

އަމިއްލަ ބްރޭންޑެއް ނަމަކީ ކައިޝިއެފްވީއެމް - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ތެޔޮ ބާޒާރަށް ނެރެފައި ވަނި، ހަދަން ޖެހޭ ތަހުލީލުތައް ވެސް ހެދުމަށް ފަހުއެވެ. އަދި މެޝިންތައް ގެނެސްފައި ވަނީ ދުނިޔޭގެ އެންމެ ފުޅާދާއިރާއެއްގައި މިކަން ކުރަމުންދާ ތަންތަނުގައި މިކަން ކުރާ ގޮތް ރަނގަޅަށް ބެލުމަށްފަހުއެވެ.

ބޮޑެތި ދަތިތަކާ ދިމާވި!

ފާރޫގް ބުނީ، އެ މަސައްކަތް ކުރުމަށް އޭނާ ފުރަތަމަ ކުއްޔަށް ބިމެއް ނަގައި 15 އަހަރު ކުރިން އިމާރާތެއް ވެސް އެޅި ކަމަށެވެ. އޭރު އިމާރާތް ހެދިއިރު، އިމާރާތް ކުރުމުގެ ގަވާއިދެއް ނެތެވެ. ނަމަވެސް ފަހުން ހެދި ގަވާއިދާއެކު، އެ އިމާރާތުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ. އެހެންވެ އެ މަސައްކަތް ހުއްޓުނެވެ. އެންމެ ފަހުން ބޭނުންވި ގޮތަށް ތަން ނުހެދުނެވެ. ތަން ނުހެދި ހުއްދައެއްވެސް ނުލިބެއެވެ.

"އެ އިމާރާތަށް ފުރަތަމަ ފަސް އަހަރުގެ ފަހުން، އިތުރު 10 އަހަރުވެގެން، މެޝިން ގެންނަން ވެގެން ސިޓީ ކައުންސިލަށް ސިޓީއެއް ލިޔެފިން، އަޅުގަނޑު އަލިފާނުން މަސައްކަތް ކުރާތާ ވަރަށް ދުވަސް ވެއްޖެއޭ، މި ސަރަހައްދުގައި މިކަން މިހާ ފުޅާކޮށް ކުރަނީ އަޅުގަނޑު އެކަންޏޭ، އަދި މުއްދަތުން ދުވަސްކޮޅެއް އޮތް ނަމަވެސް، ބޭނުންވެޔޭ ދިގު މުއްދަތަކަށް އަޅުގަނޑު ކުއްޔަށް ދޫކޮށްދެއްވާށޭ". ފާރޫގް ބުންޏެވެ.

ކާށި ތެޔޮ އުފައްދާ ފެކްޓްރީ ހިންގަމުންދާ އިމާރާތް - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފާރޫގް ބުނީ، މިކަމުގައި ރަށު ކައުންސިލާއި، އަދި ސަރުކާރުންވެސް އެއްބާރުލުން ދޭން ޖެހޭއިރު، އެކަން އެގޮތަށް ނުވި ކަމަށެވެ. އޭނާ ބުނީ، އޭނާއަށް މިކަމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.

"ގާތްގަނޑަކަށް ނުވަ މަސް ދުވަހު ތަފާތު މައްސަލަތައް މިތަނުގައި އުފައްދާ، ފުރަތަމަ މައްސަލައަކަށް އަޅުގަނޑު މުއްދަތު ކުރަން އެދުނީމާ އަޅުގަނޑަށް ސިޓީއަކުން ޖަވާބު ލިބުނީ ގަވާއިދާއި ހިލާފަށް އަޅާފައިވާ އިމާރާތެކޭ،" ފާރޫގް ކިޔައި ދިނެވެ.

އޭނާ ބުނީ، ފަހުން ހުއްދަ އޭނާއަށް ލިބުނު ކަމަށެވެ. އަދި އެ ހުއްދަ ލިބުނީ އެތައް ދުވަހެއްގެ މަސައްކަތަށް ފަހު ކަމަށް އޭނާ ބުނެފައި ވެއެވެ.

ރިސޯޓްތަކަށް ސަޕްލައި ކުރުން!

މި މަސައްކަތް ފަށައިގެން އައިއިރު، އެ މީހުން އުފައްދާ ތެޔޮ ޝަންގްރިއްލާ ރިސޯޓަށާއި، ވެލާ ޕްރައިވެޓް ލިމިޓެޑަށާއި، ލަކްސް މޯލްޑިވިސް ފޮނުވައެވެ. ތިން މަހުން އެއް ފަހަރު ކަހަލަ ގޮތަކަށް މި ރިސޯޓްތަކަށް 20 ލީޓަރުގެ ތިން ހަމާއި ފަސް ހަމާއި ދޭތެރޭގެ އަދަދަކަށް ފޮނުވައެވެ.

ރިސޯޓްތަކުން އޯޑަރު އައުމުން މަސައްކަތް ކުރިއަށްގެންދާއިރު، 120 އެމްއެލްގެ ފުޅިތައް މިހާރު ދަނީ ވިއްކަމުންނެވެ. މީގެ ތެރެއިން މިހާރު 400 އާއި ގާތް ކުރާ އަދަދަކަށް ފުޅި ވިކިފައިވާ ކަމަށް ފާރޫގް ފާހަގަކުރިއެވެ.

ކާށި ތެޔޮ އުފައްދައިގެން ރިސޯޓްތަކަށް ސަޕްލައި ކުރަމުންދާތާ އެތައް އަހަރެއް - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިކަމުގައި އިސްކޮށް އުޅޭ، ކުންފުނީގެ ސީއީއޯ، ފާރޫގްގެ ދަރިފުޅު އަމީން އަހުމަދު ފާރޫގް ވިދާޅުވީ، މިހާރު މެޝިންތަކާއެކު ދުވާލަކަށް 120 ލީޓަރުގެ ތެޔޮ އުފެއްދޭނެ ކަމަށެވެ.

"ރިސޯޓަކަށް ބޭނުންވަނި ގާތްގަނޑަކަށް މަހެއްގެ މައްޗަށް 60 ލީޓަރު، އެހެންވީމަ ރާއްޖޭގެ 100 ރިސޯޓް އޮވެއްޖެއްޔާމުން އަޅުގަނޑުމެން ހާލްފް ނެގި ކަމުގައިވާނަމަ އަޅުގަނޑުމެން މި މަސައްކަތް ކުރާ ރޭޓުން މަސައްކަތްކޮށްގެން އެބޭފުޅުން ބޭނުންވާ ވަރަށް ބަރާބަރަށް ސަޕްލައި ކުރެވޭނެ"، އަމީން ވިދާޅުވިއެވެ.

ކައިޝިއެފްވީއެމްގެ ސީއީއޯ އަމީން - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަމީން ވިދާޅުވީ، މިހާރުވެސް އެހެން ރިސޯޓްތަކަށްވެސް ތެޔޮ ބޭނުންވެގެން ޝައުގުވެރިކަން ފާޅު ކުރަމުންދާ ކަމަށެވެ.

ރިސޯޓްތަކުގެ އިތުރުން ފުވައްމުލައް ސިޓީއާއި އެ ސިޓީއާ ދެކުނުން އެންމެ ކައިރީގައި އޮންނަ އައްޑޫ ސިޓީގެ ފިހާރަތަކަށް ވެސް މި ކާށިތެޔޮ ސަޕްލައިކޮށް އެ ފިހާރަތަކުގައި މި ތެޔޮ ވިއްކައެވެ. މި ގޮތުން ފެކްޓަރީގައި ހުރި ބޮޑެތި ސައިޒްގެ ފުޅިތަކަކީ ރިސޯޓްތަކުން އަންނަ އޯޑަރުތަކަށް ތައްޔާރުކޮށްފައިވާ ފުޅިތަކެވެ.

ވިޔަފާރި ފުޅާކުރުމުގެ ވިސްނުން!

މި ވިޔަފާރި ފުޅާކުރުމުގެ ވިސްނުން އެ ކުންފުނީގެ އެބަ ހުއްޓެވެ. އަދި އެ މަސައްކަތައް ދިވެހިން ނެރެ، ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދޭން ބޭނުންވެއެވެ. މި ވިޔަފާރީގައި އިސްކޮށް އުޅޭ އާއިލާއިން ދެކޭ ގޮތުގައި މިއީ ފުވައްމުލައް ސިޓީގެ އިގްތިސާދަށް ވެސް މުހިއްމު ކަމެކެވެ.

"މިއީ ރަށުގެ ތަރައްގީއަށް ވެސް އަދި މުސްތަގުބަލަށް ވެސް އޮތް ވަރަށް ބޮޑު ކަމެއް ކަމަށް އަޅުގަނޑުމެން މި ބަލަނީ،" ފާރޫގް ބުންޏެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ކާށިތެޔޮ އުފައްދުމުގައި އުޅޭ ފާރޫގް - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދިވެހިންގެ ތެރޭގައި ދިވެހި އުފެއްދުންތަކުގެ މަގްބޫލްކަން އިތުރުވެގެން އައުމަކީ އިގްތިސާދަށް ރަނގަޅު ފާލެކެވެ. މިފަދަ ފެކްޓަރީތަކުގެ ސަބަބުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ސަރަހައްދުގައި ފައިސާ ހިފެހެއްޓޭ ވަރު އިތުރުވާނެއެވެ. އަދި އެ އިގްތިސާދުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ އަދަދު އިތުރުވާނެއެވެ. މިއީ މުހިއްމު މަސައްކަތެކެވެ.

މި ތެލުން ސިއްހީ އެތައް ފައިދާއެއް!

"މިއީ އަޅުގަނޑުމެން މަނީ މޯޓިވްއެއްގައި ކުރާ ކަމެއް ނޫން، ފުރަތަމަ ކަމަކަށް، އަޅުގަނޑުމެން މި ކަމަކީ ވެލްވެއާ މޯޓިވްއެއްގައި ކުރާ ކަމެއް، ސަބަބަކީ މިއީ ދުނިޔޭގެ ބެސްޓް ފަރުވާ އަނެއްހެން ބުނަންޏާ، ސްކިން އަށާއި، ބޮލުގެ އިސްތަށިގަނޑަށްވެސް". އަމީން ވިދާޅުވިއެވެ.

ކައިޝިއެފްވީއެމްގެ ކާށިތެުޔޮ މިއީ އެތައް ކަމަކަށް ފަރުވާއެއް - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ތެލުން ލިބޭ ފައިދާތައް ފާހަގަ ކުރަމުން އަމީން ވިދާޅުވީ، ހަމުގެ ތަންތަންގަނޑު ފާރުވެފައި ހުންނައިރު، މި ތެޔޮ ހާކާލުމުން ރަނގަޅުވެފައި އެބަ ހުރި ކަަށެވެ. އަދި އިސްތަށިގަނޑަށް މަޑުކަން ގެނެސްދީ، އަދި ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ހަމަ މަރެކެވެ. އަދި ޑެންޑްރަފްއަށް ވެސް މިއީ ފަރުވާ އެކެވެ.

ކައިޝިއެފްވީއެމްގެ މި އުފެއްދުން މިހާރު އީޓުކުރި މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތާކަށްވެސް ޑެލިވަރީކޮށްދެމުން ދާނެ އެެވެ.