ދިރާގު ޓީވީ އާއި ދިރާގު ޕްލޭ އިން ޔޫރޯ މުބާރާތް ބެލޭނެ ގޮތް ދިރާގުން ހާމަކޮށްފިއެވެ.

ދިރާގުން ބުނީ ދިރާގު ޓީވީ އާއި ދިރާގު ޕްލޭ މެދުވެރިކޮށް މެޗުތައް ބެލޭގޮތް ހަމަޖެއްސީ މި ދުވަސްވަރު ގޭގައި ތިބެން ޖެހުނު ނަމަވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ޔޫރޯގެ މެޗުތައް ގޭގައި ތިބެގެން ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. އެގޮތުން ޔުރޯގެ ހުރިހާ މެޗުތައް އެޗްޑީ ކޮލިޓީގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މޮބައިލް އެޕުން ބެލޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، ސޮނީ ޓެން 2 އެޗްޑީ އަދި ރާއްޖެ ޓީވީ މެދުވެރިކޮށް ޔޫރޯގެ މެޗްތައް ބަލާލެވޭނެ ކަމަށެވެ.

ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފުރިހަމަ ކޮލިޓީގައި ޔޫރޯގެ މެޗްތަކުގެ އިތުރުން މުނިފޫހިފުލުވުމުގެ ގިނަ ޗެނަލްތައް ބަލާލެވޭނެއެވެ. އަދި ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް، ޖީއެސްޓީއަކާ ނުލައި މަހަކު އެންމެ 65ރ. ދެއްކުމުން ޔޫރޯ2020 ގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ޗެނަލްތައް ބަލައިލެވޭނެއެވެ.

މީގެ އިތުރުން ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ މެދުވެރިކޮށް ޗެނަލްތައް ބަލާ ކަސްޓަމަރުންނަށް އިތުރު ޑޭޓާ ހަރަދެއް ނުހިނގާނެއެވެ. މި އެޕް މެދުވެރިކޮށް ފޯނު ފަދަ ޑިވައިސްތަކުން ވެސް ޓީވީ ބެލޭނެއެވެ.

ކޮވިޑް-19ގެ ސަބަބުން ގެއިން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް ސިއްހީ މާހިރުން ލަފާ ދީފައިވާއިރު ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުން ގޭގައި ތިބުމަށް އެހީވުމުގެ ގޮތުން ހާއްސަ އޮފާތަކެއް ވެސް ތައާރަފު ކޮށްފަ އެވެ. އެގޮތުން ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކުން 50 އިންސައްތަ އިތުރު ޑޭޓާ ލިބޭއިރު ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "އަމިއްލަ ޓީވީ" އެޑްއޮން އެކްޓިވޭޓްކޮށްގެންނާއި ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްގެން ވެސް ޔޫރޯގެ މެޗުތައް ބަލައިލެވޭނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރަން ކަމަށެވެ.